އުއްތަމަ ފަނޑިޔާރާއެކު އިތުރު 3 ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީ އިން ބަލަނީ

2
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީ އިން ދަނީ ބަލަމުން

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަން ޖޭއެސްސީން ބަލަން ފަށައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲއާއި، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފްގެ މައްސަލަތަކެއް ބަލަން ފެށީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

އެ ކޮމިޝަނުން ބުނީ ތިން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމާފައިވަނީ އެ ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ ދެ ޝަކުވާއަކާއި ގުޅިގެންކަމަށެވެ.

Advertisement

ތިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ތަޙްޤީޤް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ޙުސްނީއާއި، ކޮމިޝަންގެ މެންބަރު ޢަބްދުއްރަޢޫފް އިބްރާހީމާއި، މުޙައްމަދު އީސާފުޅާއި، ހިސާން ޙުސައިން އާއި، ޢަބްދުލް ޙަންނާން އަޙްމަދާއި، ޑރ.ޢަލީ ޝަމީމް އަދި ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުއެވެ.

ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމާފައިވާއިރު، މީގެ ކުރިންވެސް އެކޮމިޝަނުން ވަނީ ސުޕްރީމް ކޯޓްގެ ތިންފަނޑިޔާރެއްގެ މައްސަލަ އެކޮމިޝަނަށް ހުށައަޅާފައިވާކަން ހާމަކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީއަށް ހުށައަޅާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެ އަމުރު ބާޠިލްކަމަށް ކަނޑައަޅާ ސޮއިކުރި 3 ފަނޑިޔާރުންގެ ސްލޫކީ މައްސަލައެކެވެ. އެ ތިން ފަނޑިޔާރުންނަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ފަސް ފަނޑިޔާރުންގެ ސޮޔާއެކު ޢަމުރު ނެރުނު މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރިއެވެ. އަދި ފަހުން ވަނީ އެ ޢަމުރުގައި ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން އެ ޢަމުރު ބާޠިލުކޮށްފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވެސް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމާފައެވެ.

Advertisements

2 COMMENTS

  1. އަމާޒު ދެކޭ ގޮތުގައި، ހުރިހާ ފަނޑިޔާރުން ބޭރު ކުރަން އެބަޖެހޭ. މުޅިތަން ސާފުކޮށްގެން ނޫނީ އެއްވެސް ކާމިޔާބީއެއް ނުލިބޭނެ.

  2. ހުރިހާ އެންމެންގެ މައްސަލަ ބަލަންވީ ރައްޔިތުންނަށް ފެންނަ، އަޑު އިވޭ ގޮތަށް. ރައްޔިތުންނަށް ވާނުވާ އެނގޭ ގޮތަައް

Comments are closed.