އއ.މަތިވެރީގައި މިއަދު ހިންގި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒަށް ހަމަލާދޭން އުޅެފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

އެމަނިކުފާނު މިއަދު އެރަށަށް ރިޔާސީ ކެމްޕޭނަށް ވަޑައިގެންނެވުމުން އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވަނީ ހަމަނުޖެހުން އުފައްދައިފައެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން ބުނާ ގޮތުން އެ ތަނުން އެމްޑީޕީގެ ސަޕޯޓަރަކު ވަނީ މުއިއްޒަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެރަށުގައި ދެ މީހެއްގެ ދެމެދުގައި ބޭއަދަބީ އަތުގެ އިޝާރާތްތަކެއްކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމަށްފަހު އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މިހާތަނަށް ބެލި ބެލުމުން މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ހަމަލާދޭން އުޅެފައިވާ ކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.