ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ސިއްހި މާރުކަޒަށް އިތުރު ކުރެވުނު އިމާރާތާއި، މާކުރަތު ފުޓުބޯޅަ ދަނޑާއި މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރެވުނު އިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް މި މަޝްރޫއުތައް ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިއަދު ހެނދުނު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މާކުރަތުގައި ތަރައްގީކޮށްފައިވާ ސިއްހީ މާރުކަޒަށް އިތުރު ކުރެވުނު އިމާރާތުގައި އޮފީހަކާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ހެލްތު އެޑިއުކޭޝަން ރޫމަކާއި، ސްޓޯރޫމް ފަދަ ތަންތަން ހިމެނޭ އިމާރަތް، ސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި މާކުރަތުގައި ސަރުކާރުން ތަރައްގީކުރި ފުޓުބޯޅަ ދަނޑަކީ ޓަރފް އަޅައިފެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރެވުނު ޢިމާރާތުގައި އިމަރޖެންސީ ރޫމަކާއި، ރޭޑިއޮލޮޖީ ރޫމަކާއި، ލެބޯރެޓޮރީއަކާއި، ތިއޭޓަރަކާއި، ސީ.އެސް.އެސް އަދި 10 ކޮޓަރީގެ ޕްރައިވެޓް ވޯޑެއް ވަނީ ޤާއިމްކޮށްފައެވެ. މި މަޝްރޫއު ސަރުކާރުން ކުރިޔަށްގެންގޮސްފައި ވަނީ އެލިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. ރަށްރަށުން ރައްޔިތުންނަށް ދޭ ސިއްހި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވަޞީލަތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.