ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، ރ.ރަސްގެތީމު ތަރައްޤީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވީ އެމަނިކުފާނު މިއަދު އެ ރަށަށް ވަޑައިގެންނެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށު ބަނދަރާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވައި އެރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

އަދި ރަސްގެތީމު ޖެޓީ އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ރަސްގެތީމު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރާއި ނެރު ފުންކުރުމާއި ބޮޑު ހިލަ ބޭނުންކޮށްގެން 359 މީޓަރުގެ ތޮށި ޖެހުމާއި، 140 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 272 މީޓަރުގެ އެއްގަމުން ތޮށި ލުމާ އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ކޮށްފައިވެއެވެ.

ރަސްގެތީމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްކޮށްފައި ވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ތްރީ ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާ ހަވާލުކޮށްގެންނެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި ރަސްގެތީމު ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.