“ސައުތުއަރި މެރިން ޕާކް” ހިމާޔަތްކޮށް އެންވަޔަރމަންޓް މިނިސްޓްރީން ބަލަހައްޓަން ފަށައިފި

0
ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި މިފަދަ ސަރަހައްދުތައް ދަނީ ހިމާޔަތްކުރަމުން

އަރިއަތޮޅު ދެކުނުބުރީ ގައި ހިމާޔަތް ކޮށްފައިވާ “ސައުތުއަރި މެރިންޕާކް” ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އެންވަޔަރމަންޓް މިނިސްޓްރީން މިއަދު ފަށައިފިއެވެ.

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 5 ޖޫން 2009 ގައި، އިޢުލާނު ނަންބަރު 138-EE/2009/19 އާ ހަވާލާދީ ޙިމާޔަތްކޮށްފައިވާ ‘އަރި އަތޮޅު ދެކުނު ބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދު’ އަކީ 11 ޖުލައި 2019 އިން ފެށިގެން ‘ސައުތުއަރި މެރިންޕާކް ސަރަހައްދު’ ކަމުގައި ހަމަޖައްސައި، އެ ސަރަހައްދު ބެލެހެއްޓުމުގައި މިއަދުން ފެށިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މެރިން ރޭންޖަރސް ހަރަކާތްތެރިވާން ފަށައިފިއެވެ.

މިސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަހައްދެކެވެ. މިސަރަހައްދުގެ އެންމެ ޚާއްޞަ ސިފައަކީ މުޅި އަހަރު ތެރޭގައި ވެސް މިސަރަހައްދުން ފެހުރިހި ފެންނަކަމެވެ. އަދި މިސަރަހައްދުގެ ފަރުގެ މުއްސަނދިކަމާއި، ފަރުގައި ދިރިއުޅޭ އެކި ބާވަތްތަކުގެ ދިރުންތަކުގެ ސަބަބުން، މިސަރަހައްދަކީ މާހައުލީ ގޮތުން ފާހަގަކުރެވޭ ތަނެކެވެ. މިސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ވެލާ ކަހަނބު، މަޑި އަދި މިޔަރުގެ ބާވަތްތައް ހިމެނެއެވެ.

Advertisement

މެރިން ރޭންޖާސްގެ ޙަރަކާތްތެރިވުން ފެއްޓުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު 16:00 ގައި އދ.މާމިގިލީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ހަސަންއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ މި ސަރަހައްދު ބޭނުންކުރައްވާ ފަރާތްތަކުން މި ސަރަހައްދުގައި ހަރަކާތްތެރިވުމުގައި ޢަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާ ވުމަށާއި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންފައެވެ. އަދި މިސަރަހައްދު ބޭނުންކުރުމަށް މިސަރަހައްދަށް ވަންނަ އުޅަނދު ރަޖިސްޓްރީ ކުރުމަށް މިއަދު ހުޅުވާލާފައިވާ ކަމާއި، އަދި މިސަރަހައްދަށް ވަންނަ އުޅަނދު ރަޖިސްޓްރީކުރުމަށް ވީހާވެސް ގިނަ ފަރާތްތަކަށް ބާރުއެޅުއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މިފަދަ މުހިއްމު ސަރަހައްދުތައް ފާހަގަކޮށް، އެސަރަހައްދުތަކަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަކަށް ހަދައި މިހާރު ހިމާޔަތްކޮށްފައިވާ 61 ސަރަހައްދަކީ ރަގަޅަށް ބެލެހެއްޓެމުންދާ ސަރަހައްދުތަކަކަށް ހެދުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށްވެސް މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here