ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މި ފަސް އަހަރު ކުރެއްވި ހިތްވަރާއި ކެތްތެރި ކަމަކީ ހުރިހާ ކަނބަލުންނަށް ނަމޫނާއެއް ކަމާށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ، ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް، ރޭ ބައިވެރިވެ ވަޑައިގެންނެވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާއްސަ ހަފްލާގައި ދެއްކެވި ވާހަކައިގައި، ޖަލުގައި ބާއްވައިގެން، މި ސަރުކާރުން ނުހައްގު އަނިޔާތަކެއް ރައީސް ޔާމީނަށް ދެމުން ގެންދާކަން ފާހަގަކުރައްވައި ސެމްބެ ވިދާޅުވީ، ޔާމީންގެ ހާލުކޮޅާމެދު ވިސްނާ ފިކުރުކޮށް އާއިލާއިން ހިތާމަ ފާޅުކުރަމުންދާ ކަމަށެވެ. ހާއްސަކޮށް މެޑަމް ފާތުން އެކުރައްވާ ހިތްވަރާއި، އެ ކެތްތެރިކަމަކީ ކަނބަލުންނަށް ނަމޫނާއެއް ކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ. އަމުދުން، ހިތްދަތި ދަނޑިވަޅެއްގައިވެސް ފާތުން ދައްކަވާ ހިތްވަރަކީ ޕާޓީގެ ހުރިހާ އަންހެނުންނަށް ވެސް ނަމޫނާއެއްކަމަށްވެސް ސެމްބެ ވަނީ ވިދާޅުވެފައެވެ.

އެކަމަނާ އިސްކުރައްވަނީ އަބަދުވެސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކަން ފާހަގަކުރައްވައި ސެމްވެ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައިވެސް ވަރަށް ފުރިހަމައަށް އެކަމަނާ ވަނީ އެ މަސައްކަތް ކުރައްވާފައިކަމަށެވެ. އެކަމަނާ މިއަދު ނުކުމެވަޑައިގެންނެވީވެސް އެ މަސްލަހަތުގައި ކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ސެމްބެ ވިދާޅުވީ މިގައުމުގައި، ޕީޕީއެމްގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ހިތްތަކުގެ ރައީސް، ޔާމީނަށް އޮތް ތާއީދާއި އެމަނިކުފާނު ކޮށްދެއްވި ހިދުމަތްތަކީ މިފަސްގަނޑުން ދުވަހަކުވެސް ނުފޮހެވޭނެ ކަންތަކެއްކަމަށެވެ. ހަމަމިއާއެކު، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތުގައި މެޑަމް ފާތުން ބައިވެރިވެވަޑައިގަތުމުން، ވަރަށް އިހްލާސްތެރިކަމާއިއެކު ސެމްބެ ވަނީ މެޑަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ނިމިގެންދާ ފަސް އަހަރަކީ ރައީސް ޔާމީންގެ އާއިލާއަށް ހިތްދަތި ކަޅު ދުވަސްތަކެއްކަން ފާހަގަކުރައްވައި، ސެމްބެ ވިދާޅުވީ، މިސަރުކާރުން ރައީސް ޔާމީންގެ ތާއީދު ކަނޑުވާލައި އެމަނިކުފާނު މިގައުމަށް ގެނެސް ދެއްވި ހިދުމަތް ފޮހެލަން ކިތަންމެ މަސައްކަތް ކުރިޔަސް އެއީ ވާނެ ކަމެއް ނޫންކަމަށެވެ.

"ރައީސް ޔަމީންގެ ލެގަސީ މިސަރުކާރަށް ދުއްވާ ނުލެވޭނެ. އެމަނިކުފާނަކީ މިޤައުމުގެ ތަރައްގީގެ ބާނީ. ކިތަންމެ އަނިޔާއެއް ދިނަސް، އެމަނިކުފާނު ފޮރުވައިގެން އުޅުނަސް އެމަނިކުފާނަށް އޮތް ތާއީދު ދުވަހަކުވެސް މިފަސްގަނޑުން ނުފޮހެވޭނެ. އެއީ އަޅުގަނޑުމެންގެ ގައިގައި ލޭ ހިނގާހާ ހިނދަކު ކުރަވޭނެ ކަމެއްނޫން،"
ސެމްބެ

ސެމްބެ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ. އަދި އެކަން ކުރައްވާނީ ދިވެހި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނުގެ ޢާއިލާގެ ހައްގުގައި ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން ކަމަށް ސެމްބެ ވިދާޅުވިއެވެ.