ކުރިއަށް އޮތް ދައުރުގައި ރ. ރަސްގެތީމުގައި ކަލްޗަރަލް ސެންޓަރެއް ހެދުމަށާއި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ރަސްގެތީމަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލަށް ވަސީލަތްތައް ފޯރުކޮށްދީ، މަލްޓިޕާޕަސް ހޯލެއް ހަދައިދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ދައުރުގައި ރަސްދޫގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ސިއްހީ މަރުކަޒުގެ ހިދުމަތްތައް ފުޅާކުރުމަށް އެކްސްޓެންޝަން އިމާރާތެއް އަޅައިދެއްވާނެކަމަށާއި، ނެރު ފައިކަށި ދިގުކޮށް، ބަނދަރުގެ ބޭރުތޮށީގައި ދޯނިތައް އެޅޭ ގޮތަށް ހައްދަވައިދެއްވުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

އަދިވެސް އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަސްދޫއަކީ ސަގާފީ ތަކެތި ހުރި ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަނގޮޅިތީމުގައި ހުރި ފަދަ ކަލްޗަރަލް ސެންޓަރެއް ރަސްދޫގައިވެސް ކުރިއަށް އޮތް ދައުރުގައި ހައްދަވައިދެއްވާނެކަމަށެވެ.

ރަސްދޫގެ ރައްޔިތުން މޫދަށް އެރި، ކަސްރަތު ކޮށްލުމަށް ބޭނުންވާ މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކޮށްދެއްވާނެކަމަށާއި އޭގެ އިތުރުން އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދީ، ކުޑަކުދިންގެ ޕާކެއްވެސް ހައްދަވައިދެއްވާނެކަމަށެވެ.

ރައީސްސާލިހުގެ އިލްތިމާސްއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭއިރު، ވިސްނުންތެރިކަމާއެކު ވޯޓު ދިނުމެވެ. މި ފަހަރުގެ އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނަކީ ޓެސްޓު ކުރެވޭ ކެންޑިޑޭޓުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.