ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާއި އެއްގޮތަށް މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ގުޅީފަޅުން ބޮޑު ބައެއް ހިއްކައި ގޯތި ދޫކުރަން މިއަދު ފަށައިފިއެވެ.

މިއަދު ގުޅީފަޅުގައި ގޯތި ލިބޭ ފަރާތްތަކަށް އިން ވަކިކޮށް ރޯނު ދަމައި ގޯތި ދޫކުރުމުގެ މަސައްކަތްފަށައި، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން މިއަދު ވަނީ 26 ފަރާތަކަށް އިން ވަކި ކުރުމަށްފަހު ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްދެއްވާފައެވެ.

ގުޅީފަޅުން ގޯތި ދޫކުރަން ފެށީ ކުރިން ހިއްކާފައި އޮތް ސަރަހައްދާ އިންވެގެން ފުރަތަމަ ހިއްކި ބިމުންނެވެ. އެގޮތުން އެ ސަރަހައްދުން މިއަދު ފުރަތަ ދޫކޮށްފައިވަނީ 2450 އަކަފޫޓުގެ ގޯއްޗެކެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ގުޅީފަޅުން ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތި ކަނޑައި، ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އަދ ގުޅީފަޅުން ބިން ލިބުނު ހުރިހާ ފަރާތަކަށް އަންނަ ނޮވެމްބަރު 5، ގެ ކުރިން ބިން ހަވާލުކުރެވޭނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގުޅީފަޅުގައި މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ވަސީލަތްތަށް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަ ޖެނުއަރީގައި ފަށައިގަނެވޭނެ ކަމަށެވެ.

ހަމައެެހެންމެ ބިން ނުހިއްކިގެން ގޯތި ނުދެވިގެން އުޅެން ނުޖެހޭނެ ކަމަށާއި މީހުން ދިރިއުޅެން ފެށުމާ ހަމައަށް މަގުތައް ހެދުމާއި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވަސީލަތްތައް ގާއިމުކުރަން ފަށަން ވާންޖެހޭ ތައްޔާރީތައް އާބަންކޯ އާ ގުޅިގެން މިހާރުވެސް ކުރަމުން އަންނަ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަކުރަމް ވިދާޅުވީ ގޯތި ލިބުނު އެންމެންނަށްވެސް ލޯނު ލިބޭގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުގެ ތެރޭގައި މިހާރު ހިމަނުއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރަހައްދަށް {ގުޅީފަޅާއި، ގިރާވަރު ފަޅަށް} ތަރައްގީގެ ގނަ މަޝްރޫއުތައް ކުރިއަށް އޮތް ތަނުގައި އަންނާނެ ކަމަށެވެ.

އަކްރަމް ވިދާޅުވެފައިވަނީ ގޯތި ކެނޑުމަށްފަހު ދޭ ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް ކަމަށާއި އެ ރަޖިސްޓްރީ އާ މެދު އިތުރު ސުވާލެއް ނުއުފެދޭނެ ކަމަށެވެ. ގޯތި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރަމުން ދާނީ ގާނޫނީ ވަކީލުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ. އޭގެ ތެރެއިން ހުޅުމާލޭން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރާނީ 1351 ގޯއްޗެވެ. އަދި ގުޅީފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.