ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކުގެ ތެރެއިން، ކުޅުންތެރިންނަށް ފަހިކޮށްދެމުން އަންނަ ފުރުސަތުތަކާއިއެކު، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ގައި ރާއްޖެ ތަމްސީލުކޮށް ކުޅުންތެރިން ހޯދި ފަހުރުވެރި ރީތި ނަމާއި ތާރީހީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހް މަދު ބައިވެރިވެވަޑައިގެން، ދިވެހި އެތުލީޓުންނާއި އޮފިޝަލުންނަށް މަރުހާބާ ދަންނަވައިފިއެވެ.
އައި.އޯ.އައި.ޖީގައި ރާއްޖެއިން ހޯދި ފަހުރުވެރި، ތާރީހީ ކާމިޔާބީތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށާއި، ޓީމުތަަކަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިރޭ ޖުމްހޫރީ މައިދާނުގައެވެ. މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި، ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ޓީމަށް މަރުހަބާ ކިޔުމަށް ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ އާންމުންވެސް ޖަމާވިއެވެ.
2019 ވަނަ އަހަރު ރާއްޖެއިން އައި.އޯ.އައިޖީގައި ބައިވެރި ޓީމުތަކުން ޖުމްލަ 15 މެޑަލް ހޯދި އިރު، މިއަހަރު ރާއްޖޭގެ ޓީމުތަކުން ވަނީ، ޖުމްލަ 28 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި 5 ރަން މެޑެއްޔާއި، 9 ރިހި މެޑެއްޔާއި، 14 ލޯ މެޑަލް ހޯދާފައިވެއެވެ. މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރު ކުޅުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރުތަކުގައި ވާދަކުރުމަށް ފަހިކޮށްދެމުން އަންނަ ފުރުސަތުތަކާއިއެކު، އައި.އޯ.އައި.ޖީގެ، ލޯފަން މީހުންގެ 100 މީޓަރު ދުވުމުގައި ބައިވެރިވި ރާއްޖޭގެ ދެ އެތުލީޓުން ވަނީ ލޯ މެޑަލް ވެސް ހޯދާފައެވެ.
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް މިއަހަރު ބާއްވާފައި ވަނީ، އޮގަސްޓް 25 އިން ސެޕްޓެމްބަރ 3 އަށް، މަޑަގަސްކަރައިގައެވެ.