ރަޝިޔާއަށް ހަތިޔާރު ވިއްކުމަށް އުތުރު ކޮރެއާއިން މަސައްކަތް ކުރަމުންދާތީ އެކަން ނުކުރުމަށް ބުނެ އެމެރިކާއިން އުތުރު ކޮރެއާއަށް ބިރު ދައްކަން ފަށައިފިއެވެ.

އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ "ސީއެންއެން" އިން ބުނެފައި ވަނީ ރަޝިޔާއަށް ހަތިޔާރު ވިއްކައިފިނަމަ އުތުރު ކޮރެއާއިން "އެކަމަށް ބޮޑު އަގެއް ދައްކަން ޖެހޭނެ" ކަމަށެވެ. މާނައަކީ އެގައުމާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ގޮތުން ނުވަތަ އިޤްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ރަޝިޔާއަށް ހަތިޔާރު ވިއްކުމުގެ "ޑީލް" އުތުރު ކޮރެއާއިން ކުރިއަށް ގެންދަނީ ވަރަށް ބާރު ސްޕީޑުގައެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ދެގައުމުގެ ލީޑަރުން ބައްދަލު ކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

"ޔޫކްރޭނުން ގޮވާން ރައްކާކުރާ ގުދަންތަކަާއި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް އުތުރު ކޮރެއާގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާއިން ހަމަލާދީފިނަމަ، އުތުރު ކޮރެއާއިން އެކަމުގެ ބަދަލުގައި ބޮޑު އަގެއް ދައްކަން ޖެހޭނެ،" އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކްސަލިވަން ވިދާޅިވިއެވެ.

އެމެރިކާގެ މިއިންޒާރާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި އުތުރު ކޮރެއާގެ ސްޕްރީމް ލީޑަރު ކިމް ޖުން އުން މިހާތަނަށް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.