އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައިހުރި 232 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން ބުނީ ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ކަމަށެވެ.

އެގޮތުން މިއަދު ނައްތާލާފައިވަނީ 1509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ 4405 އެވިޑެންސެވެ.

އޭގެތެރޭގައި:

  • މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެމްޑީއެމްއޭ 1495.97 ގްރާމް
  • މެތް 37953.49 ގްރާމް، މޯފިން 90860.86 ގްރާމް
  • ކެނަބިނޯލް 30266.87 ގްރާމް
  • ކޮކެއިން 17830.90 ގްރާމް
  • އަދި އެލްއެސްޑީ 0.1142 ގްރާމްގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 54145.42 ގްރާމްގެ މަސްތުވާތަކެއްޗެވެ.

އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ ތަކެއްޗެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.