މާލޭގެ މީހުންނަށް ގޯތި ދިނުމަށްޓަކައި ގުޅީފަޅާއި ގިރާވަރާއި ފުށިދިއްގަރު ފަޅު އަހަރެއް ތެރޭ ހިއްކައި ނިންމަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބަށް ދެތިން ދުވަހަށްވީމަ، ކަނޑު އަޑިންނާއި ތަންތަނުން ގޯތިތައް ދީފައިވާ އިރު، އެއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލޭގެ ރައްޔިތުންނަށް ދީފައި ހުރި ގޯތިތައް ފެނުން މައްޗަށް ނަގައިދީ މިހާރު ހިއްކާފައިވާ ބިމުން ގޯތި ލިބޭ މީހުންނަށް ގޯތިތައް ދެއްވާނެކަމަށެވެ. އަދި އެ ގެދޮރުތަކުގައި ގޯތި އެޅޭނެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

މުއިއްޒު ހާމަކުރެއްވޫ މި ސަރުކާރުން ދޭން ނިންމާފައިވާ ގޯތިތަކަށް ވުރެ އިތުރު ގޯތި ދެއްވާނެ ކަމަށެވެ. އެގޮތުން ގުޅީފަޅު، މިހާރު ހިއްކަން ނިންމާފައިވާ ވަރަށް ވުރެ ބޮޑަށް ހިއްކައި ގިރާވަރު ފަޅާއި ފުށިދިއްގަރު ފަޅު އެއްކޮށް ހިއްކަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ލުއި ލޯން ދީގެން ގެދޮރު އަމިއްލަ އަށް އެޅުމަށާއި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެކަން ކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ. އެއާ އެކީގައި މާލޭގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ގެދޮރުވެރިކަމުގައި ހޯދައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.