ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ހަވާލު ކޮށްގެން ކުރިއަށްގެންދާ އެސްއެމްއީ ހަބުގައި އައު ފިޔަވައްސެއް ހުޅުވައިފިއެވެ.

މިކަމުގެ މަގްސަދަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހެޔޮ އަގުގައި ވިޔަފާރީގެ ޖާގަ ހޯދައިދިނުމާއި ލޯކަލް އަދި ބައިނަލްއަގްވާމީ މާކެޓުތަކަށް ތައާރަފްކޮށް ވިޔަފާރި ކުރިއެރުވުމަށް މަގު ފަހިކޮށްދިނުމެވެ.

އެސްއެމްއީ ހަބުގެ ދެވަނަ ފިޔަވަހި ހުޅުވާފައިވާއިރު މި ފިޔަވަހީގައި އާރޓްސް އެންޑް ކްރާފްޓްގެ އުފެއްދުން ވިއްކުމަށްޓަކައި 5 ސްޓޯލާއި ގާރމަންޓް އުފެއްދުން ވިއްކުމަށްޓަކައި ހަތަރު ސްޓޯލާއި، ޑެއިލީ-ޔޫސް އަށް އެއް ޕޮޕްއަޕް ސްޓޯލް ވަނީ ގާއިމުކޮށްފައެވެ. އަދި ދިވެހި ފަންނުވެރިންނާއި ކުރެހުންތެރިންނަށް ހާއްސަކޮށްގެން އާރޓް ގެލަރީއެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށްގެން ގޭމިން ރޫމަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން "ކިޑްސް ޕްލޭ" އޭރިއާއެއް ވެސް އެސްއެމްއީ ހަބްގައި ހިމެނެއެވެ. އަދި ބީސީސީއިން ބުނީ 25 މީހުންގެ ޖާގައިގެ ސިނަމާއެއް ވެސް ހުޅުވުމަށް ހަމަޖެހިފައިވާކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި ކާބޯތަކެތި ވިއްކާ 19 ކިއޯސްކާއި ބުކް ސްޓޯލެއް ވަނީ ހުޅުވާފައެވެ.