އެކްސް.ކޮމް ގައި ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓް އިއްޔެ ސަސްޕެންޑު ކުރުމަށްފަހު އަނެއްކާވެސް މިރޭ އެކައުންޓް ރީޓްރީވްކޮށްފިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ 13،000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރާ އެ އެކައުންޓް ސަސްޕެންޑް ކުރީ އިއްޔެ ހެނދުނެވެ. އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި މިއެކައުންޓު ވަނީ އަލުން އެކްޓިވޭޓް ކޮށްފައެވެ.

ހަސަން ކުރުސީގެ އެކައުންޓް ސަސްޕެންޑް ކުރި އިރު، މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެ އެކައުންޓުގެ ވެރިފަރާތް ހޯދަން ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ. އެ އަމުރުގެ ދަށުން ފުލުހުން ދިޔައީ އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ހަސަން ކުރުސީ އެކައުންޓުން އެންމެފަހުން ކޮށްފައިވާ ޓުވީޓުގައި ވަނީ އެމްޑީޕީން ކެމްޕޭނުގެ ކަންތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އިދާރާތަކުގައި ހުރި ރައްޔިތުންގެ މައުލޫމާތު ނަގައި، އެޕްލިކޭޝަނެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެ އެޕްލިކޭޝަނަކީ ރިޝްވަތު ދިނުމުގެ ކަންތައް އަދި އިންތިހާބާ ދިމާކޮށް ވަޒީފާ ދިނުމާއި ވަޒީފާގެ ޕްރޮމޯޝަން ދިނުން ވިލަރެސް ކުރަން ހަދާފައިވާ އެޕްލިކޭޝަނެއް ކަމަށް އެ އެކައުންޓުން ޓުވީޓުކޮށްފައިވެއެވެ.

އެ ފަހުން ނަޝީދު ވަނީ، ހަސަން ކުރުސީ އެކައުންޓު ހިންގާ ފަރާތެއް ހޯދުމަށް ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ. ނަޝީދު ވިދާޅުވެފައިވަނީ އެ އެކައުންޓުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން އެ މަނިކުފާނަށް ގެއްލުން ލިބެމުންދާ ކަމަށެވެ.