ރާއްޖޭގެ އެވިއޭޝަން ދާއިރާގެ ކުރިމަގަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއިން ޕައިލެޓުން ތަމްރީނުކުރުމަށް ހިނގި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ މީރުމާ ހޯލުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވަނީ އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާއި ހެދި އެ އެކަޑަމީ ބަންދުކޮށް، ދިވެހި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސް ކުރިމަތިވި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކާއި އަދި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އުފެއްދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާ ލައްވާފައެވެ.

މީގެ އިތުރުން، ނައިބުރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި އެވިއޭޝަން އިންޑަސްޓްރީގައި ދިވެހިން މަސައްކަތްކުރާ ނިޞްބަތް އިތުރުކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ޕައިލެޓުން ތަމްރީނުކުރުމަށް ހިނގި ޕްރޮގްރާމް ފުރިހަމަ ކުރި ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ. މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން 18 ދަރިވަރުން ވަނީ އެ ދަރިވަރުންގެ ކޯސްތައް ފުރިހަމަ ކޮށްފައެވެ. އަދި އެ އެކަޑަމީގައި މިހާރުވެސް 15 ދަރިވަރަކު ކޯސްތައް ފުރިހަމަ ކުރަމުން އަންނައިރު 10 ދަރިވަރަކު އެ އެކަޑަމީގައި ތަމްރީނުތައް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާއި ހެދި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސްފައިވަނިކޮށް، އެ ދަރިވަރުންނަށް ކުރިމަތިވި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އިފްތިތާހްކޮށްފައި ވަނީ 28 ޑިސެންބަރު 2001 ގައެވެ.