ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލަހަށް އަރުވައިފިއެއެވެ. މިރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިރަސްމިއްޔާތަށް ފަހު، ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސްއާއި އެމެރިކާގެ ސަފީރު ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމެރިކާ ސަފީރުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރިމަތިލާންޖެހޭ ކަންކަމުން އަރައިގަތުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ތައުރީފްކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމެރިކާ ސަފީރު، ސަފީރުކަމުގެ ދައުރު ފެއްޓެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމްކުރެވި، ސަފީރަކު ޢައްޔަނުކުރެއްވުމަކީ، ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން ކުރިޔަށް އޮތްތަނުގައި ބަދަހިވާނޭކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ދިވެހިރާއްޖޭގެ އެމްބަސީ އަލުން ހުޅުވިގެން ދިޔުމަކީވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން، ވިޔަފާރިއާ އިޤުތިޞާދީ ދާއިރާއާ އެހެނިހެން ދާއިރާތަކުން ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މެދުގައި، އިގްތިސަދާއި ޘަޤާފީ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި އެމްބަސީތަކުން މުހިއްމު ދައުރެއް އަދާކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު ޔޮން ވަނީ އެމެރިކާގެ އެމްބަސީ ރާއްޖޭގައި ހުޅުވުމުގައި، ރައީސްއާއި ދިވެހި ސަރުކާރުން ދެއްވި އެއްބާރުލެއްވުމަށް، ޝުކުރު އަދާކުރައްވާފައެވެ. އަދި ތަފާތު ދާއިރާތަކުން ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައިވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގައެވެ.