ބޭންކު އޮފް މޯލްޑިވްސް ގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާ ނަންތައް އާންމުކޮށްފި

1
ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑަށް ނަގާ މެމްބަރުން ގެ ނަންތައް ވަނީ އާންމުކޮށްފައި

ބެންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ހުށަހެޅި ނަންތަކާއި އާއްމު ޚިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލި ފަރާތްތައް ޢާއްމުކޮށްފިއެވެ.

ބީއެމްއެލްގެ ބޯޑުގައި 10 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން 7 މެމްބަރުންނަކީ ސަރުކާރު ތަމްސީލްކުރާ 7 ޑިރެކްޓަރަކެވެ. ދެން ތިއްބަވާ 3 ބޭފުޅުންނަކީ އާއްމު ޚިއްސާދާރުން ތަމްސީލްކުރާ 3 ޑިރެކްޓަރުންނެވެ.

2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަންކުރަން ފޮނުވާފައިވާ 7 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔަރ، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް، މާފަންނު ކޮށީގެ ޖުވައިރިޔާ ސަޢީދު، މއ. މަނަސް ސަނާ މަންސޫރު، މާފަންނު ދާޝިން ނަޖީމް އިބްރާހިމް ޒަކަރިއްޔާ، ހެންވޭރު ވައިފިލާގެ ހައްވާ ސަފުނާ އަދި މާފަންނު މުއިރު ހުސައިން ތައުފީޤްއެވެ.

Advertisements

އާއްމު ޚިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން ބޯޑުގައި 3 ޑިރެކްޓަރަކު ތިއްބަވަންޖެހޭއިރު، 6 ބޭފުޅުން އެކަމަށް ކުރިމަތިލެއްވިއެވެ. ނަމަވެސް އަަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ޝޯޓްލިސްޓްކޮށްފައިވަނީ 3 ބޭފުޅެއްގެ ނަމެވެ. އެއީ ކުރިމަތިލެއްވި ބޭފުޅުންގެ 2 ފަރާތެއްގެ ޝަރުތުހަމަނުވުމާއި، އެއް ބޭފުޅަކު އަނބުރާ ނަން ގެންދެވުމުންކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން ޝަރުތު ހަމަވި 3 ބޭފުޅުންނަކީ މިހާރުވެސް ބީއެމްއެލްގެ ބޯޑުގައި އާއްމު ޚިއްސާދާރުން ތަމްސީލްކުރައްވާ ޑިރެކްޓަރ، މުހައްމަދު އަބްދުއްސައްތާރާއި، ނ.ހޮޅުދޫ ނެލުމް އިބްރާހިމް މުހައްމަދު އަދި ގ.އުފާ އަހުމަދު މުހައްމަދުއެވެ.

ބީއެމްއެލްގެ ބޯޑުގެ ޑިރެކްޓަރުކަމުގެ މަޤާމަށް ހުށަހަޅާފައިވާ ނަންތަކަށް ވޯޓަށް އެހުން އޮންނަނީ މިމަހުގެ 30 ވަނަ ދުވަހު ހޮޓެލް ޖެންގައި ބާއްވާ ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައެވެ.

މި ޖަލްސާގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން ހިއްސާދާރުންނަށް ބެހުމަށް ކަނޑައަޅާފައިވާ ފައިދާ ފާސްކުރުން ކުރިއަށްދާނެއެވެ.

ބީއެމްއެލްއިން ބުނީ 2018 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް 129 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާކަމަށެވެ. އެއީ ހިއްސާއަކަށް 24 ރުފިޔާއެވެ. ބޭންކުން ބުނީ މިމަހުގެ 15 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚިއްސާ ލިބޭނެކަމަށެވެ.

Advertisements

1 COMMENT

Comments are closed.