ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އައްޑޫ ސިޓީ ހުޅުދޫގައި ސަރުކާރުން ތަރައްގީކުރި އައު ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މިރަށު ބަނދަރު ހުޅުއްވައިދެއްވީ އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

އައްޑޫ ސިޓީ ހުޅުދޫ އައު ބަނދަރު މަޝްރޫއު އަކީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެން ބަނދަރު ފުންކޮށް، އެއްގަމުތޮއްޓާއި ބޭރުތޮށިޖަހައި، ލޭންޑިން ކްރާފްޓްތަކަށް ބޭނުން ކުރެވޭނެ ރޭމްޕެއް ހަދާފައިވެއެވެ. އަދި ނެރުބައްތިއާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ހެދުމުގެ އިތުރުން މިމަޝްރޫއުގެ ތެރެއިން، ބަނދަރުގެ ބޭރުން މޫދަށް އެރެން ހާއްސަ ސަރަހައްދެއްވެސް ވަނީ ހަދާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. މިގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި މިދައުރުގެ ތެރޭގައި ވަނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގަވާފައެވެ.