ކުރިއަށް އޮތް ދެ ދުވަހު އެއް ގިޔަރު އިތުރަށް މައްޗަށް ޖައްސައި، އެ މަނިކުފާނަށް ގަދަކޮށް ކެމްޕެއިން ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ރައީސް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މި ސިޓީގެ ހުޅުދުއަށް ވަޑައިގެން އެ ރަށުގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކެމްޕެއިން ޓީމަށް ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހު ނުނިދައި، އެ މަނިކުފާނަށް ކެމްޕެއިން ކޮށްދިނުމަށް އެދޭ ކަމަށެވެ.

"ކެމްޕޭން ޓީމަށް ދަންނަވާލާނީ އަދިވެސް އެއް ގިޔަރު މައްޗަށް ޖައްސަވާލާށޭ. ކުރިއަށް އޮތް ދެ ދުވަހު ކޮންމެހެން ނިދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާވެސް. ގާތްގަނޑަށް ދެ މަސް ދުވަހު ތިން ހަތަރު ގަޑިއިރު ނިދައިގެން. ދެން ވޯޓުލާ ނިންމާފައި ގެއަށްދާނީ. އެއްބުރުން މިކަން ކާމިޔާބުވާނެ،"
ރައީސް ސާލިހު

ރައީސް ވިދާޅުވީ ކުރިއަށް އޮތީ ދެ ދަވަސް ކަމަށާއި އިންތިހާބަށް ކުރަންޖެހޭ ބިޔަ ބޮޑު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބެއް ކާމިޔާބު ކުރުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށާއި އެކަން މިވަނީ ކޮށް ނިމިފައި ކަމަށްވެސް ވިދާޅުވިއެވެ.

"އެކަމަކު އިންތިހާބުގެ ނަތީޖާއެއް ބަދަލުކޮށްލަން ބޭނުންވަނީ އެންމެ ވޯޓެއް. އެ ވޯޓަކީ ތި ބޭފުޅުންގެ ކޮންމެ މީހެއްގެ ވޯޓަކަށް ހައްދަވާށޭ. އެންމެން ވޯޓުލާށޭ. ރަހުމަތްތެރިންނާއި އާއިލާ މީހުންވެސް ނުކުމެވަޑައިގެން ވޯޓުލުމަކީ އަޅުގަނޑުގެ އިލްތިމާސެއް،" ރައީސް ވަނީ ޖޯޝާއެކު ވިދާޅުވެފައެވެ.

މީގެ އިތުރުން، އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ރޭ ފެނިވަޑައިގަތީ ހަގީގަތުގައި ވެސް އިންތިހާބު ނިމި، އެމްޑީޕީ އަށް ކާމިޔާބުވެފައި އޮތް މަންޒަރު ކަމަށާއި ރާއްޖޭގެ އެހެން ރަށްތަކުން ވެސް ފެނުނީ އެ މަންޒަރު ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހަމަ ހަގީގަތުގައިވެސް މިކަން މިއޮތީ ނިމިފައިކަމަށެވެ.

ދެވަނަ ދައުރެއް އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ މާ އުފާވެރިކޮށްކަމަށާއި އައްްޑު އަށް ވީ ވައުދުތައް ފުރިހަމައަށް ފުއްދާނެ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވި އެވެ. ރައީސް ހުޅުދު އަށް ވަޑައިގަތުމުން އެ ރަށުގެ ކެމްޕެއިން ޓީމުން ވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ހުޅުދޫން ބޮޑު ތާއިދެއް ދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް ދެއްވާފައެވެ.

130،000 އަށް ވުރެ ގިނަ ވޯޓު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަަމަށް ފާހަގަކުރައްވަމުން ރައީސް ސާލިހުވި ދާޅުވީ މި އަދަދަށް ވޯޓު ލިބިއްޖެ ނަމަ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކަމަށެވެ.