އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަން ގެ ނަމުގައި ދުވަހެއް ފުރަތަމަ ފަހަރަށް މިއަދު ފާހަގަކޮށްފިއެވެ.

އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަންއަކީ އެކިއެކި ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އިންޓަޕޯލް ފަދަ ބައިނަލްއަގުވަމީ ޖަމާއަތްތަކުން ގުޅިގެން ޓްރާންސްނޭޝަނަލް ކުށްތައް ހުއްޓުވުމަށް ކެނޑިނޭޅި ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކޮށް އެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުމުގެ ގޮތުން ފާހަގަ ކުރެވޭ ދުވަހެއްކަމަށް ފުލުހުން ބުނެފިއެވެ.

މިދުވަސް ފާހަގަކުރުމަށް ނިންމި ނިންމުމަކީ، 2022 ނޮވެންބަރު 29 ވަނަ ދުވަހު އ.ދ. ގެ އާންމު މަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން 18 ގައުމަކުން ހުށަހެޅި ގަރާރު، 2022 ޑިސެންބަރު 16 ވަނަ ދުވަހު ފާސްވުމާ ގުޅިގެން އ.ދ. އިން ނިންމި ނިންމުމެކެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އިންޓަޕޯލް ރަސްމީކޮށް ގާއިމުކޮށްފައިވަނީ 1923 ސެޕްޓެންބަރު 7 ވަނަ ދުވަހު ކަމުގައި ވިޔަސް، މި ހިޔާލުގެ ބިންގާ އެޅުނީ 1914 ވަނަ އަހަރު މޯނާކޯގައި ބޭއްވުނު އިންޓަނޭޝަނަލް ޕޮލިސް ކޮންގްރެސްގައި ކުރެވުނު މަޝްވަރާތަކުންނެވެ.އަދި މިކަމުގެ ކާމިޔާބީއަކަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އެ ޖަމާއަތުގެ ސްޓްރަކްޗަރ ފަރުމާކޮށްފައިވާ ގޮތެވެ. އިންޓަޕޯލް ހިންގުމުގައި ބޭނުންވާ އެންމެ މުހިންމު ނިންމުންތައް ނިންމައި، ސިޔާސަތު ކަނޑައަޅާ އެންމެ އިސް ގުނަވަނަކީ، އަހަރަކު އެއްފަހަރު ބާއްވާ އިންޓަޕޯލްގެ ޖެނެރަލް އެސެމްބްލީކަމަށްވެސް ފުލުހުން ބުންޏެވެ.

ވޭތުވެދިޔަ ޖުލައި މަހުގެ ތެރޭގައި ނިމުނު އިންޓަޕޯލްގެ "އޮޕަރޭޝަން ފްލޭޝް-ވަކާ" ގައި 54 ގައުމަކުން ބައިވެރިވެ، ޖުމްލަ 1000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެއެވެ.