އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފަތުރުވެރިކަމަށް ހާއްސަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުމުގެ މަޝްރޫއުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ފާހަގަ ކޮށްދެއްވައިފިއެވެ.

ބިން އިތުރުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައިވަނީ އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މި މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިފައިވެއެވެ. ހަމަ އެއާއެކު އިތުރު މަޝްރޫއެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދެއެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފަތުރުވެރިކަމަށް ހާއްސަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން މަރަދޫ، މަރަދޫފޭދޫއަށް ޖުމްލަ 76 ހެކްޓަރުގެ ބިން އިތުރުކޮށް ހިތަދޫއަށް 80 ހެކްޓަރުގެ ބިން އިތުރުކޮށްފައިވެއެވެ.

ސަރުކާރުން އައްޑޫ ސިޓީ ތަރައްޤީކުރަނީ ސަރަޙައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައެވެ. އެގޮތުން އައްޑޫ ސިޓީގެ ތަރައްގީއަށް ހިންގޭ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ މަޝްރޫއުގެ އިތުރުން ސިޓީގައި 124 ކިލޯ މީޓަރުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއާއި އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ.