މިދިޔަ ހުކުރު ދުވަހުގެ ރޭ މޮރޮކޯގެ މަރަކޭޝް ސިޓީއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ފަށައިފިއެވެ.

ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ދޭން ރޮނާލްޑޯ ހުޅުވާލީ މަރަކޭޝް ސިޓީގައި އޭނާ ހިންގަމުން އަންނަ 174 ކޮޓަރީގެ "ޕެސްޓޭނާ ސީއާރު7" ހޮޓަލެވެ. %99.6 މުސްލިމުން ދިރިއުޅޭ މޮރޮކޯއަކީ ރޮނާލްޑޯގެ އެހީތެރިކަން ފޯރުކޮށްދިން މުސްލިމް ފުރަތަމަ ގައުމެއް ނޫނެވެ. ރޮނާލްޑޯ ވަނީ މީގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އޭނާގެ ގޯލްޑެން ބޫޓެއް ނީލަމުގައި ވިއްކާލާފައެވެ. މީގެ އިތުރުން ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ވީރާނާވި އެތައް ސްކޫލެއް ރޮނާލްޑޯގެ ޚަރަދުގައި އަލުން އިމާރާތް ކުރިއެވެ.

ރޮނާލްޑޯ މިފަހަރު އެހީތެރިކަން ފޯރުކޮށް މިދިނީ މަރަކޭޝް ސިޓީގެ ރައްޔިތުންނަށެވެ. މަރަކޭޝް ސިޓީއަކީ މަޝްހޫރު ހައި އެޓްލަސް ފަރުބަދަ ހުންނަ ސިޓީއެވެ. ބިންހެލުން އައީ އެޓްލަސް ފަރުބަދައިގެ 18 ކިލޯ މީޓަރު އަޑިއަށެވެ. މިބިންހެލުމުގައި ފަރުބަދަ ހިމެނޭ ސަރަހައްދުން ދެހާހެއްހައި މީހުން މަރުވެ، އެތައްބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މިބިންހެލުމުގެ އަސަރު އަވަށްޓެރި އަލްޖީރިއާއަށްވެސް ކުރިއެވެ.

މަރަކޭޝް ސިޓީއަކީ ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ އާސާރީ އެތައް އިމާރާތެއް ހުންނަ އަދި ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަގުބޫލް ސިޓީއެކެވެ. މިސިޓީގައި ހިންގަމުން އަންނަ އެހެން ބައެއް ހޮޓެލްތަކުންވެސް ދަނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.