ހުޅުމާލެ ދެވަނަ ފިޔަވަހި ބޭރަށް މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ކުދިމަސް ހިފަން އެ މީހާ ފޭބީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށާއި އޭނާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށްވެސް ބުންޏެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، އޭނާގެ ހަށިގަނޑު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 55 އަހަރުގެ ސްރީ ލަންކާ ފިރިހެނެކެވެ. އޭނާ މޫދާ ފޭބީ އެކަނި ކަމެއް ނުވަތަ އިތުރު ބަޔަކާ އެކު ކަމެއް ޔަގީނެއް ނޫނެވެ.