ކަށިކެޔޮ ކޭކު ކެއިން ހެއްޔެވެ؟ ނުކާ ކަމަށް ވާނަމަ ނާޒިމާ ސަމީރަށް ގުޅުއްވާށެވެ. އެހެންނޫނީ "ނާޒީސް ކަށިކެޔޮ ކޭކް" ފޭސްބުކު ޕޭޖަށް އިންބޮކްސް ކޮށްލާށެވެ. ނަޒިމާ ވަރަށް މީރުކޮށް ކަށިކެޔޮ ކޭކު އަޅުއްވައެވެ.

ނާޒިމާ ސަމީރު

ނާޒިމާ ސަމީރަކީ މ. މުލީ، މާފޮޅޭގޭ ބޭފުޅެކެވެ. އޭނާއަކީ ޢާއިލާގެ އެންމެ ދޮށީ ދަރިފުޅެވެ. ކުޑައިރު ރަށުގައި އުޅުއްވި ދުވަސްވަރުވެސް ރަށުވަންތަ ކަމަށް ލޯބިކުރެއްވިއެވެ. މިހާރު ވެސް ކުރައްވައެވެ.

ނާޒިމާ ސަމީރު

އެދުވަސްވަރު ދަރު ހޮވަން ވަލަށް ދިއުމަކީ އޭނާގެ ހޮބީއެވެ. ސްކޫލް ގަޑިތައް ނިންމުމަށްފަހު އޭނާ އެންމެ އިސްކަމެއް ދެއްވީ ވަލަށް ދިއުމަށެވެ. ހަމައެކަނި ދަރު ހޮވަނީއެއް ނޫނެވެ. ކަށީ ހޮވައެވެ. ގަބުޅިއާއި ގޮބޮޅި ހޮވައެވެ. ކަށިކެޔޮ ހޮވައެވެ. މި ތަކެތި މުޅޯއްޓަކަށް އަޅައިގެން ގެއަށް ގެންނަވައެވެ. މަންމައާއި މާމަގެ ވެސް ނުރުހުމުގައެވެ. ވަލަށް ނުދާން އެންގިޔަސް ނާޒިމާއަކަށް އެކަމެއް އޭރަކު ހުއްޓައެއް ނުލެވުނެވެ.

ތަޢުލީމީ ހަޔާތް ނިންމެވުމަށްފަހު ނާޒީމާ މަސައްކަތް ކުރެއްވީ ޕްރައިމެރީ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި 10 އަހަރު މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް ދަރިފުޅު ލިބުމާއެކު އޭނާ ވަނީ އަމިއްލައަށް ވަޒީފާ ދޫކޮށްލައްވާފައެވެ. އަދި ދަރިފުޅަށް ޚާއްސަވިއެވެ. ދަރިފުޅުގެ ޢުމުރުން މިހާރު 9 އަހަރެވެ. ދަރިފުޅަށް މިހާރު ވަރަށްގިނަ ކަންކަން އަމިއްލައަށް ކުރެވެއެވެ. އެހެންކަމުން ނާޒިމާއަށް ވެސް އެކަށީގެންވާ ވަގުތު މިހާރު ލިބެއެވެ.

ކަށިކެޔޮ ކޭކު އަޅަން ފެށުން

ނާޒިމާއަކީ ކަށީކެޔޮ ކޭކު ނޫނަސް ވަރަށް މީރުކޮށް ކާއެއްޗެހި ތައްޔާރު ކުރައްވާ ބޭފުޅުކެވެ. އޭނާގެ ކެއްކުމުގެ ހުނަރުގެ ތެރެއިން ކަށިކެޔޮ ކޭކަކީ މިހާރު އެންމެ ހިނގާ އެކައްޗެވެ. ރައްޓެހިންނާއި ޢާއިލާގެ މީހުންނަށް ވެސް އެވަރެއް ނެތެވެ. އޯޑަރު ދެއްވުމުން ނާޒިމާ ކޭކު އަޅުއްވައި ދެއްވައެވެ. ކޮންމެ ސައިޒަކަށް ވިޔަސް މައްސަލައެއް ނެތެވެ.

ކަށިކޭލު ކޭކުގެ ވާހަކަ އޭނާ ވެސް އަޑު އައްސަވައެވެ. އޭގެ މީރު ކަމުގެ ވާހަކަ މީހުން ދައްކާތީ އަޑުއިވެއެވެ. އެހެންވެ ނާޒިމާ ވެސް ރަހަބައްލަވަން ބޭނުންވީއެވެ. ވާނީ ވެސް އެހެންތާއެވެ. ކަށިކޭލުގެ މީރުކަމާއި އޭގެ ފައިދާ އެންމެ ކުޑައިރުން ފެށިގެން ދެނެވަޑައިގަންނަވައެވެ. "އަޅުގަނޑު ދެ ތަނަކުން ކަށިކެޔޮ ކޭކު ގަނެގެން ކެއިން. އެހެންނަމަވެސް ކަށީކޭލުގައި އެހުންނަ މީރު ރަހައެއް ނުލި. އެހެން އުޅެނިކޮށް ކޮއްކޮއަކު ފޮނުވީ ހައެއްކަ ވަށް ކަށިކެޔޮ. ހިތަށްއެރީ އެއިން އަޅާނީ ކޭކެކޭ. އެހެން ހިތާ ކޭކެއް އަޅައިފައި އެންމެންނަށް ބަހައިފިން. ރަހަބެލި އެންމެނަށް ވެސް އެ ވަރަށް މީރުވެއްޖެ. ބައެއް މީހުން ބުނެފި އޯޑަރަށް ކަށިކެޔޮ ކޭކު އަޅަންވީ ނޫންހޭ. އެހިސާބުން މީގެ ތެރެއަށް ވަދެވުނީ،" ނާޒިމާ ވިދާޅުވިއެވެ.

ގޮންޖެހުންތައް

ކަށިކޭލު ކޭކުއެޅުމަށް ނާޒިމާއަށް މާބޮޑު ގޮންޖެހުންތަކެއް ދިމައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް ފަހަރު ކަށިކެޔޮ ލިބުމުގައި ދަތިތަކެއް ދިމާވެއެވެ. އެފަދަ ހާލަތްތަކުގައި އޭނާއަށް އެހީތެރިވަނީ ރަށްރަށުގައި ތިބޭ އޭނާގެ އާއިލާ އާއި ރައްޓެހި ރަހުމަތްތެރިންނެވެ. އެއްބަޔަކު އަގުނަގައެވެ. އަނެއްބަޔަކު އެކަންކޮށްދެނީ ނާޒިމާއާ އޮންނަ ގާތް ރަޙުމަތްތެރި ކަމުގެ ބޮޑުކަމުންނެވެ.

"ބައެއް ފަހަރު ށ. އަތޮޅާއި އެހެނިހެން އަތޮޅު ތަކުން ވެސް ކަށިކެޔޮ ގެންނަން. އަޅުގަނޑުގެ އަމިއްލަ ރަށުން ވެސް ބައެއް ފަހަރު ކަށިކެޔޮ ފޮނުވާ. ކުރިން ކަށިކެޔޮ ހުރިވަރަށް މިހާރު ނުހުރޭ އެހެންވެ ކަންނޭނގެ ލިބުން ދަތިވަނީ ވެސް،"
ނާޒިމާ ސަމީރު

ނާޒިމާ ގެންދަވަނީ ފޭސްބުކުގައި ޕޭޖެއް ހައްދަވައިގެން އޭނާ އަޅުއްވާ ކަށިކެޔޮ ކޭކު ޕްރޮމޯޓު ކުރައްވަމުންނެވެ. އޯޑަރު ލިބޭ މިންވަރަކުން އަޅުއްވަމުންނެވެ. އެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ވެސް ލިބިވަޑައި ގަންނަވައެވެ. މި މަސައްކަތުގައި އޭނާގެ ލޮބުވެތި ފިރިކަލުންނާއި ޢާއިލީ މެމްބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވައެވެ.

ނާޒިމާ އިންނެވީ ދޫދެއްވުމުގެ ވިސްނުމެއްގައެއް ނޫނެވެ. ކަށިކެޔޮ ކޭކު އަޅުއްވަން ޖެހިވަޑައިގެންނެވިޔަސް އެއްވަނައެވެ. ކިޔަވައި ދެއްވަން ވިޔަސް އެއްވަނައެވެ. މީރު ކާނާ ތައްޔާރުކުރައްވަން ޖެހިވަޑައިގެންނެވިޔަ އެއީ މިސާލެކެވެ. ލިޔުއްވުންތެރި ކަމުގެ ފަންނަކީ އޭނާގެ ފާހަގަ ކޮށްލެވޭ ޚާއްސަ އެއް ސިފައެވެ. މަދުމަދުން ނަމަވެސް ނާޒިމާގެ ލިޔުއްވުންތައް އެކި ވެބްސައިޓުން ފެނެއެވެ.

ނާޒިމާއެވެ! ހިތްވަރު ކުރައްވާށެވެ. މުސްތަގުބަލް އޮތީ އުޖާލާކޮށެވެ.