ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނެރުނު ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ސްޓޭޓަސްއަށް ބަދަލެއް އަންނަ ނަމަ، މިހާރު ގެދޮރުވެރިން ޕޯޓަލް އިން ފެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ވަގުތީ ލިސްޓާއި ގުޅިގެން އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށެވެ. ޝަކުވާތައް ބެލުމަށްފަހު ސްޓޭޓަސްއަށް ބަދަލެއް އަންނަ ނަމަ، ޕޯޓަލުން މިހާރު ފެންނާނެ ކަމަށް ޓުވީޓުގައި ވަނީ ބުނެފަވެ..

ދާއިމީ ލިސްޓު ނެރުމުގެ ކުރިން ފްލެޓަށް ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީން އަންނަނީ އެ މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރަމުންނެވެ. ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، އަންނަ ހަފްތާ ތެރޭގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ނެރެން އެމިނިސްޓަރީން ދަނީ މަސައްކަތް ކުރަމުންނެވެ.

"ގެދޮރުވެރިޔާ ސްކީމު"ގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 13،763 މީހުންނެވެ. އެއީ ދެ ކޮޓަރީގެ ފްލެޓު ލިބޭ 3،903 މީހުންނާއި ތިން ކޮޓަރީގެ ފްލެޓު ލިބޭ 9،860 މީހުންނެވެ.

ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް މިހާރު ވަނީ އިއުލާންކޮށް، ގޯތި ބެހުމުގެ މަސައްކަތް ފަށައިފައެވެ. ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ހިމެނެއެވެ. ގެދޮރުވެރިޔާ ސްކީމުން، ޖުމުލަ 9،003 ގޯތި (ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯތި) ދިނުމަށް ވަނީ ނިންމައިފައެވެ.