މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށާއި، މޮނިޓަރުންނަށް ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ އެ ފުރުސަތު ހުޅުވާލީ، ދެވަނަ ބުރުގައި އޮބްޒާވަރުން، މޮނިޓަރުން އަދި މަންދޫބުންގެ ގޮތުގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

ދެވަނަ ބުރުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓަރ ކުރުމަށް ޝައުގު ހުރި ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގަ އަދި ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ 15:00 އާ ހަމަޔަށް ފުރުސަތު އޮންނާނެ ކަމަށް ހަބީބުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ފާސް ހެއްދި ފަރާތްތަކުން ދެވަނަ ބުރުގައިވެސް ހަރަކާތްތެރިވާނަމަ އިތުރަށް ފާސް ހައްދަން ނުޖޭހެނެކަމަށެވެ.

މޮނީޓަރުންގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ފަރާތަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އެ ކޮމިޝަނަށް ކަށަވަރުވާ ނުވަތަ، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުކޮށްދޭން ޖެހޭނެއެވެ.

މީގެއިތުރުން ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއް ނަމަ، އެ މީހަކީ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް އީސީގެ ގަވައިދުގައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މޮނިޓަރުންނާއި އޮބްޒާވްވަރުންނަށް ވުމަށް 8،152 މީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އެވެ. މީގެތެރޭގައި ބައިނަލްއަގްވާމީ 143 އޮބްޒާވަރުންނާއި ބައިނަލްއަގްވާމީ 22 މޮނިޓަރުންވެސް ހިމެނެ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.