މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވޯޓު ލުމުގެ ހައްގު އިތުރު 408 ޒުވާނަކަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް، މިމަހުގެ 30ގެ ނިޔަލަށް 18 އަހަރުވުމުން 408 މީހަކަށް އިތުރު ވެފައިވާ ކަމަށް އީސީން މިއަދު ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ގާނޫނުގައި ބުނާ ވޯޓު ލުމުގެ އުމުރު ކަމަށްވާ 18 އަހަރު ފުރޭ 196 އަންހެނުންނާއި 212 ފިރިހެންނެވެ.

އެހެންކަމަށްވުމާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 282،803 އެވެ.

ވޯޓިން ލިސަޓަށް އިތުރުވި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިއު ކޮށްފައެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހެޅުން މިމަހު 15 އިން ފެށިގެން ސެޕްޓެމްބަރު 17 އަށް އީސީން ވަނީ ހުޅުވާލައިފައެވެ.

ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު 282،395 މީހުންނަށް ލިބިފައިވާ އިރު، ވޯޓު ލާފައިވަނީ 225،486 މީހުންނެވެ. އެއީ 79.85 އިން ސައްތައެވެ.

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ޑރ. މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.