މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބައިނަލްއަގުވާމީ ވިންގަރ ކައިލް ވޯކާ އިތުރު ދެއަހަރު ސިޓީގައި މަޑުކުރުމަށް ނިންމައި ކޮންޓްރެކްޓް އާކޮށްފިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބަޔާން މިޔުނިކަށް ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ވޯކާ، ސީޓިއާއެކު ހެދި އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރުގެ ޖުލައި މަހަށެވެ. މިއާއެކު ވޯކާ ގަތުމަށް ބަޔާން މިޔުނިކުން ދެކެމުންދިޔަ ހުވަފެންތައް ނިމުމަކަށް އައީއެވެ.

ސިޓީގައި ވޯކާގެ ކުރިމަގާމެދު ސުވާލު އުފެދުނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ކޯޗް ޕެޕް ގާޑިއޯލާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ގާޑިއޯލާ އޭރު ބުނީ ސިޓީ ލައްވައި އޭނާ ކުޅުވަން މަސައްކަތް ކުރާ "ނިއު ސްޓައިލް" ގައި "އިންވާޓެޑް ފުލްބެކް" އަކަށް ކުޅުމުގެ ގާބިލްކަން ވޯކާ ކިބައިގައި ނެތް ކަމަށެވެ. އެކަމަކު އޭގެ ފަހުން ވޯކާ ވަނީ ސިޓީގެ ފުރަތަމަ އެގާރައިގައި މުހިއްމު ދައުރެއް އަދާކޮށް، ނިމިދިޔަ ސީޒަނުގައި ފުރަތަމަ ފަހަރަށް އެކްލަބުން 3 ތަށި ކާމިޔާބު ކުރިއިރު ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގައި ރެއާލް މެޑްރިޑުގެ ވިނީޝިއަސް ޖޫނިއަރ ހިފެހެއްޓުމުގައ ވޯކާ ދެއްކި ކުޅުން ވަަރަށް ބޮޑަށް ފާހަގަ ކޮށްލެވެއެވެ.

މިސީޒަނުގެ ފުރަތަމަ މެޗުގައި ކެވިން ޑިބްރޭނާއަށް އަނިޔާވިފަހުން ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަނީވެސް ވޯކާއެވެ.