ޗައިނާ ސަފީރު ވަންގް ލިޝިންގް ދޭ 10،000 ރުފިޔާގެ އިނާޔަތަށް ކުރިމަތިލުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.

މީގެ ދުވަސްތަކެއް ކުރިން އެމްއެންޔޫއިން ވަނީ މި އެހީ ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. ކޮންމެ އަހަރަކު ވެސް މި އިނާޔަތް ދެނީ ޤައުމީ ޔުނިވަރސިޓީގެ 10 ދަރިވަރުންނަށެވެ.

މީގެ އިތުރުން މީގެ ކުރިން އެމްއެންޔޫއިން މި އިނާޔަތް ދިނުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރަކު ވަނީ ހޮވާފައެވެ. އަދި ބާކީ ހަތް ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން އެ ޔުނިވަރސިޓީން ފުރުސަތު ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ.

އެމްއެންޔޫއިން ބުނީ މި އިނާޔަތް ދޭނީ އެ ކަމަށް އެންމެ އަކަށޭނެ ދަރިވަރުންނަށް ކަމަށާއި މާލީ އިނާޔަތަށް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޔުނިވަރސިޓީން ސްކޯލަރޝިޕް ދޭ މިންގަނޑާ އެއްގޮތަށް ކަމަށެވެ.

އަދި މި އިނާޔަތަށް އެދި ހުށަހަޅާ ދަރިވަރުން ތައުލީމީ އަދި މާލީ އެހީތެރިން ބޭނުންވާ ކަމުގެ ލިޔެކިޔުންތަކާއި ޗައިނާ ނޫނީ ޗައިނާ އާއި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން 1000 ލަފުޒަށްވުރެ ކުރުނޫން ބަޔާނެއް ހުށަހަޅަން ޖެހެއެވެ.

ވަންގް ލިޝިންގްގެ މި މާލީ އެހީތެރި ކަމަށް ހުށަހަޅަން ޖެހެނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.