ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޑިއޯ މާނޭ ކާމިޔާބު ކޮށްދިން ލަނޑާއެކު 3-1 އިން އަލް-ރައެދް ބަލިކޮށް އަލް-ނަސްރުން މުހިއްމު ތިން ޕޮއިންޓް ރޭ ހޯދައިފިއެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް އަލް ނަސްރުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ސެނަގާލް ގައުމީ ޓީމުގެވެސް މުހިއްމު ފޯވާޑް އަދި ކެޕްޓަން ސާޑިއޯ މާނޭއެވެ. މާނޭ މިލަނޑު ޖެހީ އޭރިޔާގެ ބޭރު ރޮނގުމަތިން ކަހަލަ ގޮތަކަށް ތިރިރިން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. އަލް ނަސްރުން ލީޑް ނެގީތާ މިނެޓެއްފަހުން އަލް ރައެދުގެ ޑިފެންޑަރު ބަންޑާ ވައޭޝީއަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ.
ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއްނުވެ އަލް ނަސްރުން ލީޑް ފުޅާކުރީ އޭރިޔާގެ ބޭރުން އުއްޑައެއްހެން ފޮނުވާލި ބާރު ހަމަލާއަކުން ބްރެޒިލްގެ ފޯވާޑް ޓަލިސްކާއެވެ. މަޝްހޫރު ތަރި ރޮނާލްޑޯގެ ލަނޑު ފެނުނީ 77 ވަނަ މިނެޓުގައެވެ. މިލަނޑު ރޮނާލްޑޯ ޖެހީ ޓަލިސްކާ ތަނަވަސްކޮށްދިން ފިރުސަތެއްގެ ބޭނުން ހިފައި ނަސްރުގެ ދެޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގެ އުސްއަލިތަކުގެ ލިންކް:
މިމޮޅާއެކު ތާވަލުގެ 6 ވަނައިގައި އަލް ނަސްރު އޮތީ މިހާތަނަށް ކުޅުނު 6 މެޗުން ހޯދި 12 ޕޮއިންޓާއެކުއެވެ. ތާވަލުގެ ކުރީގައި އޮތީ ނޭމާ އާއި މިޓްރޮވިކް އަދި މަލްކޮމް ކުޅެމުން އަންނަ އަލް ހިލާލްއެވެ. އެއީ 16 ޕޮއިންޓާއެކުއެވެ. އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ކަރީމް ބެންޒީމާގެ އަލް އިއްތިހާދެވެ.