ބައެއް ސިވިލްސާވެންޓުންގެ “މުސާރަ” ސްޓޭޓް މިނިސްޓަރުންނަށްވުރެ ބޮޑު.

• ބޯޑުތަކުންނާއި، ކޮމެޓީ ތަކުން ފުރުސަތު ދިނުމުގައި، އެކަކަށް ތިން ހަތަރުތަނުންދޭ. • މުވައްޒަފުންނަށް، ފުރުސަތު ދިނުމުގައި ތަފާތުކޮށް، ވަކި ބަޔަކަށް ރަނގަޅު ގޮތް ހަދާދޭ. • ތިމާ ނުރުހޭ މުވައްޒަފު އެކަހެރިކޮށް، މާޔޫސްކޮށްލާ.

8

ބައެއް ސިވިލްސާވެންޓުންގެ މުސާރަ ނުވަތަ ގެޔަށް ގެންދާ ފައިސާގެ ޢަދަދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނަށްވުރެ ބޮޑެއެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ނުވަތަ ހައްލުކުރަންޖެހޭ ކަމެކެވެ.

އަބަދުވެސް ވާހަކަ ދައްކަމުން ދަނީ، ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ކުޑަ ވާ ވާހަކައެވެ. އެމީހުން ގެޔަށް ގެންދާ ފައިސާ މަދުވާހަކައެވެ. ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ލިބޭފައިސާއިން ހަމަ ނުޖެއްސޭ ވާހަކައެވެ.

Advertisements

ނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކުގައި ތިއްބަވާ ވަކި ފެންވަރެއްގެ ވަކި ކަހަލަ ބަޔަކަށް އާދަޔާ ޚިލާފު ބޮޑު ޢަދަދެއް ފައިސާގެ ގޮތުގައި ގެއަށް ގެންދިޔުމުގެ ފުރުސަތު އޮތުމަކީ ވަރަށް ބޮޑު ނާއިންސާފުކަމެވެ. މިކަން މިހެން ދިމާވާ ގޮތަކީ ބައެއް އޮފީސްތަކުގައި ނުވަތަ ވުޒާރާ ތަކުގައި މަސައްކަތް ކުރާ ވަކި ބަޔަކަށް، އެކަން އެގޮތަށް ކޮށްލަދޭކަމެވެ. އެގޮތުން އަޅުގަނޑު ބައެއް ކަންތައްތައް ފާހަގަ ކޮށްލަމެވެ. ސަރުކާރުގެ ބައެއް ބޯޑުތަކަށް މުވައްޒަފުންނަށް ފުރުސަތު ދިނުމުގައި، އެކަކަށް ތިން، ނުވަތަ ހަތަރު ބޯޑުން ފުރުސަތު ދިނުމެވެ. ބައެއް މުވައްސަސާތަކުގައި އޮންނަ ކޮމެޓީތަކާއި އެހެނިހެން ކަންކަންކަމުން ފައިސާ ލިބެން ހުންނަ ދިމަދިމާއަށް އެކަކު ހަމަޖައްސުމެވެ. އަދި އިތުގަޑި ދިނުމުގައިވެސް ވަކި ބަޔަކަށް އެމީހަކު ބޭނުންހާ މިންވަރަށް ފުރުސަތު ނުވަތަ ހުއްދަ ދިނުމެވެ.

މިހެން ވުމުން އެކަކަށް ނުވަތަ އެއްބަޔަކަށް މަސް ނިމުމުން ގެޔަށް ގެންދާ އަދަދު ވަރަށް ބޮޑު ވެގެންދާކަން ފާހަގަ ކުރަމެވެ. މިއީ ވަރަށް ގިނަ މުވައްޒަފުންގެ ޝަކުވާއެއް ގޮތުގައި ތާއަބަދު ދައްކަމުން ގެންދާ ވާހަކައެކެވެ.  މިއީ ސަރުކާރުން ވަރަށް ނާއިންސާފުން ކުރަމުން ގެންދާ ކަމެކެވެ. އޮފީސްތަކުގައި މިހެން ހުންނަ ފުރުސަތު އެކަކަށް ދިނުމުގެ ބަދަލުގައި އެކި މީހުންނަށް ތަކުރާރު ނުވާނެ ގޮތަކަށް ދިނުމަކީ އެންމެރަނގަޅު ގޮތެވެ. ނަމަވެސް އެތަނެއް ހިންގަން ހުންނަ ވެރިއެއް، ނުވަތަ ސިވިލްސާވިސްގެ އެންމެ އިސްވެރިޔާ ބޭނުންވާ މީހަކަށް ނުވަތަ ބަޔަކަށް މިކަން ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލެއް ނުކުރެވެއެވެ. މިއަށްވެސް ކިޔާނެ ކަރެޕްޝަން ނޫން އެހެން ނަމެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސިވިލްސާވެންޓުން ރެއާ ދުވާލު މަސައްކަތް ކުރަމުން ދާއިރު ޖުމްލަ ގޮތެއްގައި އެމީހުންނަށް ލިބޭ މުސާރަ ނުވަތަ ގެއަށް ގެންދަން ލިބޭފައިސާ ވަރަށް މަދުކަން ފާހަގަ ކުރަމެވެ. އޮފީސްތަކުގައި މިނޫނަސް އެކި މީހުންނަށް އެކި ގޮތް ހެދުމާއި، ވަކި ބަޔަކަށް ކަންކަން މަގުފަހި ވެފައި ވަކި ބަޔަކު ފިއްތާފައި ތިބޭކަމީ މިހާރަކަށް އައިސް ވަރަށް ގިނައިން އިވެމުންދާ އަޑުތަކެވެ.

ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރާ ޒުހުރާ ކިޔާ ދުވަސްވީ މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ، މިހާރުގެ ވެރިން ވަރަށް މޮޅެތިކަންތައްތައް ކުރެއެވެ. އެމީހުން އެކި ސަބަބުތައް ކުރިމަތި ކުރުވައިގެން ހިންހަމަ ނުޖެހޭ މުވައްޒަފުން އެކަހެރި ކުރުވާ، ޕްރެޝަރ ބޮޑުކޮށްގެން ވަޒީފާއިން ވަކި ކުރުވައެވެ. އަދި އޭގެ ބަދަލުގައި “ޒުވާން ޅަ ކުދިން” ވަޒީފާތަކަށް ނަގައި، އެމީހުން ބެނުންވާ ކަންކަން ކުރުމަށް މަގު ފަހި ކުރުވައެވެ. މިއީވެސް މެނޭޖްކަންޓްގެ ވައްތަރެއްކެވެ. މިހެން ހެދުމުން ސަރުކާރުން ޢާންމުންނަށް ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ދަށްވެ، ކަންކަން ލަސްވެ، މީހުންގެ ޝަކުވާ އިތުރުވަމުންދާ ކަމަށެވެ.

ކޮންމެ އަކަސް އެއް ފެންވަރެއްގައި އެއް މަސައްކަތެއް ކުރާ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ބަހައްޓައި، ތިމާ ބޭނުންވާ މީހަކަށް މަންފާ ހޯދުމަށް މަސައްކަތް ކުރުމަކީ މައްސަލައެކެވެ. އެކަން އެނގިގެން ދަނީ، ސްޓޭޓް މިނިސްޓަރުންނަށްވުރެ ބައެއް ސިވިލްސާވެންޓުންގެ ގެޔަށް ގެންދާ ފައިސާގެ ޢަދަދު ބޮޑުވީމައެވެ.

Advertisements
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.

8 COMMENTS

  1. ސާބަސް ސަތޭކައިގެ ވާހަކައެއް. ތިއީ ތިކަން ހިނގާ ގޮތް. ވަރަށް ގިނައިން ކުރާކަމެއް. އާދައިގެ މުވައްޒަފު ހާލުގައި.

    • މިނިސްޓަރުން އެބަޖެހޭ މިކަންކަން އިސްލާހުކޮށް ހުރިހާ އެންމެނަށް ހަމަ ހަމަ އުސޫލެއް ގާއިމް ކޮށްލަދޭން.

  2. ސިވިލް ސާވިސް އުވާލާ. ޕާމަނަންޓް ސެކްރެޓަރީން އުވާލުމަށް ސަރުކާރަށް ގޮވާލަން/

  3. ސަރުކާރު ފެއިލް ކޮށްލަން ވަރަށް ކައިރިން ދަނީ މަސަްކަތް ކުރަމުން. މިކަމަށް ސަމާލުކަން ދީގެން އޮފީސްތަކުން އެފަދަ ޖަރީމާ ހިންގާ މީހުން ބޭރުކޮށްލަން ޖެހޭ

  4. މިއީ އަބަދުވެސް ދައްކާ ވާހަކަ. މިކަހަލަ ކަންތައް ހައްލުވާން ޖެހޭ

  5. އެބަހީވޭ. ފްރެންޑް މީހާ އަށް 3 ބޯޑް
    ހެހެހހެހެހެހެ ހީވޭ ކަމެއް ހެން

  6. ތިކަމަކީ ހުއްޓުވޭނެ ކަމެއް ނޫން. ތިއީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދާކަމެއް. އެންމެނަށް ދަންނަ ބޮޑު ވާހަކައެއް. އެކަމަކު ތިވާހަކަ މީޑިޔާގެ ސަމާލުކަމަށް ގެނައުމަކީ އުފާ ކުރާކަމެއް

  7. ފޮރިންމިނިސްޓްރީގައި އުޅޭ 3 މީހަކައީ ފިނޭންސް މިނިސްޓްރީގައި އުޅޭ މީހަކާ ގުޅިގެން ހިންގާ ތިކަލަ ކަންތައް ހުއްޓުވަން ޖެހޭ . އަމީރުގެ ބަޑީ ތިނަދޫ ޖައްބާރު ހިންގާ ޖަރީމާތައް ހުއްޓުވާ. ތިނަދޫ މީހާ މީހުން އަތުން ހޯދާ ކަޓު ބަހަނީ އަމީރުއަށް ވެސް ބައިއަޅައިގެން.ބިގަށް ލިބުނު ފައިސާއިންވެސް މީނަވަނީ ކަޓު ނަގާފައި.

Comments are closed.