މާލެ އަށް ކިޔަވަން އަންނަ ކުދިން ގޭގައި ބައިތިއްބައިގެން ބެލެހެއްޓުމުގެ ކަންކަން ފުޅާދާއިރާއެއްގައި ކުރެއްވި މއ. ކޮއްޓަފަރު އިބްރާހިމް އަބޫބަކުރު (ކޮއްޓަފަރު ދޮންތު) މިއަދު އަވަހާރަވެއްޖެއެވެ.

ކޮއްޓަފަރު ދޮންތު އާއި އޭނާގެ އަނބިކަނބަލުން އަމީނާ އިބްރާހިމް އަށް ވަނީ ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ އިން 2007 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންފައެވެ.

މީގެއިތުރުން 1994 ވަނަ އަހަރުން ފެށިގެން އެމަނިކުފާނަކީ އަކީ އެކި ރަށްރަށުން މާލެ އަށް ކިޔަވަން އަންނަ ކުދިން ކޮއްޓަފަރު ގޭގައި ބަލަހައްޓަވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް ސިއްހީ ހާލަތާއި ޒަމާނަށް އައި ބަދަލުތަކާ އެކު، އެ މަސައްކަތް ދޮންތު ވަކި ހިސާބަކުން ހުއްޓާލެއްވީ އެވެ.

އަދި އެ ހިދުމަތް ފުޅާ ކުރެއްވުމުގެ ގޮތުން އޭނާ ވަނީ ކޮއްޓަފަރުގައި "ކޮއްޓަފަރު ބޯޑިން ހޯމް" ގެ ނަމުގައި ތަނެއް ރަޖިސްޓަރީ ކުރައްވައިފަ އެވެ. އެ ތަނުގައި ކުޅިވަރު ކުޅެވޭނެ ގޮތްތަކާއި ލައިބްރަރީއެއް ވެސް ގާއިމް ކުރައްވައި، އެ ގޭގައި ތިބޭ ކުދިންނަށް އެ ހިދުމަތްތައް ދެއްވި އެވެ.

އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮއްޓަފަރު ދޮންތު އަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދިގު ނުރައްކާ ދަތުރުގައި ޖާނާއި މާލު ހޭދަކުރި ވަރަށް ވަރުގަދަ ބައިވެރިއެއް ކަމަށެވެ.

ކޮއްޓަފަރު ދޮންތުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.