ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިގަރާރު މަޖިލިހަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ގަގާރުގައި ހުށަހަޅާފައި ވަނީ އަންނަ ނޮވެންބަރު މަހުގެ 30 ވަަނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. މި ގަރާރަށް ބަހުސް ކުރުމަށްޓަަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ޖަލްސާ ފެށީ 10:10 ގައެވެ.

މަޖިލިހުގައި މިއަދު އެ ގަރާރަށް ބަހުސް ކުރުމަށްފަހު، ގަރާރު ބަލައިގަތުމާމެދު ވޯޓަށް އެހުމުން މަޖިލީހުގައި އެވަގުތު ތިއްބެވި 35 މެމްބަރުންގެ އިއްތިފާގުން ވަނީ ބަލައިގަންނަން ނިންމާފަ އެވެ. އަދި މަޖިލީހުގެ ކޮމެޓީއަށް ގަރާރު ބަލައިގަންނަން ވެސް ވަނީ ފާސްކޮށްފަ އެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީގައި ގަރާރުގެ މަސައްކަތް ފަށާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ. ނަމަވެސް އެ ގަރާރާމެދު ގޮތެއް ނިންމަންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލުމުގެ ބަދަލުގައި ވަނީ މެދުކަނޑާލައިފައެވެ.

ދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ދާނީ އެ ގަރާރާ ބެހޭ ގޮތުން މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮވުމުން ކޮމިޓީ ރިޕޯޓް މަޖިލީހަަށް ހުށަހަޅައިގެންނެވެ.