ރިޔާސީ އިންތިހާބުގައި އެމަނިކުފާ ވާދަކުރައްވަން ނުކުމެ ތިއްބެވި ބޭފުޅުންނަކީ ރާއްޖެ ތަރައްގީކުރުމަށް މި ސަރުކާރަށް ދައްޗާއި އުނދަގޫ ޖެއްސި ބޭފުޅުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން މުޅި ރާއްޖެ ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް ކުރައްވަން ޖެހިވަޑައިގެންނެވިކަން ހާމަކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެގޮތުން އޭރު ރާއްޖެތެރޭގެ ހާލަތު އޮތް ގޮތް ވެސް ހަނދާނަށް ގެންނަން އެބަޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެތައް ރަށެއްގައި ކަރަންޓުގެ ހިދުމަތް އަލުން ގާއިމުކުރެއްވުމާއި އެތަކެއް އިންޖީނުގެތަކާއި އިންޖީނާއި ނެޓްވޯކުތައް އެޅުއްވިއިރު އެތައް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރައްވަން ޖެހިވަޑައިގެންނެވިކަމަށެވެ. އަދި އެހާމެ ގިނަރަށްތަކެއްގެ ލަފާފުރުމުގެ ދަތިކަމާއި ސިއްހީ ހިދުމަތްތަކުގެ ހާލަތު އޮތް ދެރަގޮތް ބަދަލު ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑުމެން 152 ރަށުގައި ކަރަންޓުގެ ހިދުމަތް އަލުން އަޅުގަނޑުމެން ގާއިމުކުރަން ޖެހުނު. އިންޖީނުގެތަކާއި އިންޖީނާއި ނެޓްވޯކުތައް އަޅަން ޖެހުނު. 141 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ޖެހުނު. 125 އަށްވުރެ ގިނަ ރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރަން ޖެހުނު. 128 އަށްވުރެ ގިނަ ރަށަށް އެމްބިއުލާންސް ފޮނުވަން ޖެހުނު، ސިއްހީ މަރުކަޒުތަކަށް. އެހެންވީމާ ރާއްޖެ އޭރު އޮންނާނެ ހާލަތު އަޅުގަނޑުމެން މިއަދު ސިފަކޮށްލަން އެބަޖެހޭ. މިއަދު އަޅުގަނޑުމެންނާ ވާދަކުރަން ނުކުމެ އެ ތިއްބެވި ބޭފުޅުުންނަކީ މި ދަތި އުނދަގޫ އަޅުގަނޑުމެންނަށް ޖެއްސި ބޭފުޅުން. އެހެންވީމާ މިމަހުގެ 30 ވަނަ ދުވަހު އަޅުގަނޑުމެން ނުކުމެ ވޯޓުލާ އިރުގައި ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ،"
ރައީސް ސާލިހު

ރައީސް ވިދާޅުވީ އޭރު މާލެއަށް ދިމާވެފައި އޮތް ދަތިތައް ވެސް އެނގޭނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިތައް ކަމަށެވެ. އަދި އެއާއެކުގައި ލިބޭ އާމްދަނީން ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތެއް ނެތުމަކީ ވެސް ދިމާވެފައިވާ ދައްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނަށް ހަމަނޭވާ ލެވިގެން، މާލޭގައި އުޅެވޭނެ ގޮތެއް ހެދުމަށްޓަކައި އަޅުގަނޑުމެން ޕްލޭންތަކެއް ކޮށްގެން އެކަން ފަށައިގަތިން. އޭގެ ތެރެއިން މިހާރު އެވަނީ މާލޭގެ ރަށްވެހިންނަށް 19،642 މީހަކަށް ގޯތި އިރާދަކުރެއްވިއްޔާ ދޫކުރެވިފައި. އަދި ފުލެޓަށް ހުޅުވާލުމުން ކުރިމަތިލީ މީހުންގެ ތެރޭގައި 16،923 މީހުން އެބަ ހިމެނޭ. އިރާދަކުރެއްވިއްޔާ އެ މީހުންނަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުލެޓު ހަވާލުކޮށްދޭނަން. މިއަދުވެސް 4،000 ފުލެޓުގެ މަސައްކަތް ކުރިއަށް އެބަދޭ. އަނެއް 4،000 ފުލެޓަށް އެ އޮތީ ސޮއިކޮށް ނިންމާފައި. ބާކީ އޮތް ބައި އިރާދަކުރެއްވިއްޔާ ދެވަނަ ދައުރުގެ ތެރޭގައި އެކަން ކޮށް ނިންމައިދޭނަން،"
ރައީސް ސާލިހު

ރައީސްގެ ވާހަކަފުޅުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގެން ގާކޮށްޓާއި އަރަބިއްޔާގެ ފުލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނަމޭ ވިދާޅުވާ އިރު، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކުޑަ ކުއްޔެއް ހަމަޖައްސާފައިވަނިކޮށް، އެ ކުލި ބޮޑުކުރީ ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނަވައިގެންކަން ވަނީ ހާމަކުރައްވާފައެވެ. އަދި އެ ހަދާ ދޮގުތަކާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.