ލ. ގަން ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ވޯކް އެންޑް ޓޯކް ހަރަކާތެއް އިއްޔެގައި ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތުގެ ތެރެއިން ރަށުގެ ގޭބިސީތަކަށާއި ފިހަރާތަކަށް ޕުލުހުންވަނީ ޒިޔާރަތްކޮށްފައެވެ.އަދި ޕާކުތަކާއި ރަށުގެ އެކި ސަރަހައްދުތަކުންވެސް ރައްޔިތުންނާ ބައްދަލުކޮށްފައިވެއެވެ.

މި ހަރަކާތުގެ ދަށުން މަކަރާއި ހީލަތުން ފައިސާހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ފިހާރަތަކުން ކުރާ ވައްކަންތަކުން ރައްކާތެރިވުމަށާއި ރަށުތެރޭގައި އާންމުވެފައިވާ ކުށްތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނިއެވެ.އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް މަޝްވަރާކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.ހަމައެއާއެކު އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ފުލުހުންގެ މަސައްކަތްތައް ރޭވިފައިވާކަން ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވެއެވެ.

މީގެއިތުރުން ފުލުހުންގެ މަސައްކަތްތަކާއި މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. ހަމައެހެންމެ ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން ފާހަގަކޮށް ރައްޔިތުންނަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކޮށްފައިވެއެވެ.