މި ސަރުކާރުން މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ ހަ ފަންގިފިލާއަށް ކަމަށާއި އެ ބިންތަކުގައި ގުދަން ވެސް ނުހެދޭނެ ކަމަށް ކަނޑައަޅައި އެ ބިންތަކުގައި އިމާރާތް ކުރެވޭނެ އުސޫލު އާބަންކޯއިން މިއަދު އާންމުކޮށްފި އެވެ.

ހުޅުމާލޭގައި އާންމުން އުޅޭ ގެތައް 10 ބުރިއަށް އުސްކުރެވޭ ގޮތަށް މިދިޔަ މަހު ބަދަލު ގެނައި ނަމަވެސް، "ބިންވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރި ގޯތިތަކުގައި އިމާރާތްކުރުމުގެ އުސޫލުގައިވާ ގޮތުން، އެ ބިންތަކުގައި ހަ ފަންގިފިލާއަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ އެވެ. އާބަންކޯއިން މިއަދު އާންމުކުރި އެ އުސޫލުގައި ބުނާ ގޮތުން:

  • އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު (ދުވާރުން ފެށިގެން ރޫފް ބީމްގެ މަތީ ކައިރި ނުވަތަ ޓެރަހެއް ލާ ނަމަ، ޓެރަސް ބައިގެ ސީޓުގެ މަތީ ކައިރިއާ ހަމައަށް) އިމާރާތެއްގައި އެންމެ ގިނަވެގެން ބެހެއްޓޭނީ ހަ ފަންގިފިލާ
  • އިމާރާތް ފަސް ބުރިއަށް ވުރެ މައްޗަށް ނަގާ ނަމަ، ލިފްޓެއް ލާން ޖެހޭނެ

މި އުސޫލުގައި އިމާރާތް ކުރެވޭނެ ފަންގިފިލާގެ އުސްމިނަކީ ހަ ފަންގިފިލާ ކަމުގައި ވީ ނަމަވެސް، މި އުސްމިނަށް ބަދަލު އަންނާނެކަން ފާހަގަކުރާކަމަށްވެސް އާބަންކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މިހާރުވެސް އެ ކޯޕަރޭޝަނުން ވަނީ އިމާރާތުގެ އުސްމިން ދިހަ ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމައި ގަވާއިދު އެކުލަވާލާފަ އެވެ. އަދި ކަމާ ބެހޭ ވުޒާރާތަކުން [އެ ގަވާއިދު] ފާސްކޮށް ގެޒެޓު ކުރުމާ އެކު، ދިހަ ފަންގިފިލާގެ ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށް އާބަންކޯގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އާބަންކޯއިން ބުނީ މިއަދު ނެރުނު އުސޫލުގެ ސަބަބުން މީގެ ކުރިން އެއްވެސް އުސޫލެއް ނެތުމުގެ ސަބަބުން މަސައްކަތް ނުފެށިފައިވާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

'ބިންވެރިޔާ' ގޯތި ބޭނުން ކުރެވޭނެގޮތް ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކަކީ އާންމު ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޯތިތަކެއް ނަމަވެސް، އާބަންކޯގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެހެން ބޭނުންތަކަށް ވެސް އިމާރާތުގެ ވަކި ބައިތަކެއް ބޭނުން ކުރެވެ އެވެ. މިގޮތަށް ބޭނުން ކުރެވޭނީ އިމާރާތުގެ ގްރައުންޑް، ފުރަތަމަ އަދި މެޒަނިން ފްލޯއެއް ލާ ނަމަ އެ ފްލޯއެކެވެ.

ނަމަވެސް، އެ ފްލޯތަކުގައި ވެސް ކުރުން މަނާ ކަންތައްތަކެއް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެއީ:

  • ސިނާއީ މަސައްކަތްތައް
  • އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅެވޭ ނުވަތަ ރައްކާކުރެވޭ ތަންތަން ހެދުން
  • އާންމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަ ނުވަތަ ވަސްދުވާ ކަންތައްތައް
  • ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާ ފަދަ މަސައްކަތްތައް
  • ގުދަން ކުރުން (ވެއާހައުސް، ސްޓޯރޭޖް ފަދަ ބޭނުންތަކަށް)

މި ކަންތައްތައް ފިޔަވައި އެހެން ބޭނުންތަކަށް އުސޫލުގައި ކަނޑައަޅާފައިވާ ފަންގިފިލާތައް ބޭނުން ކުރެވޭނީ އިމާރާތުގެ ކުރެހުމުގައި އެ ބައިތައް ވެސް ހިމަނައި ކުރެހުން ފާސްކުރުމަށް ފަހު އަދި އާބަންކޯއިން ހުއްދި ދިނުމުންނެވެ.

ހުޅުމާލެއިން ގޯތި ދޫކުރާ ގޮތްބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ބިން ދޫކުރަނީ ދެ ވަނަ ފިޔަވައްސާއި ހުޅުމާލޭގެ ހުޅަނގު ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެ ދެ ސަރަހައްދުން ޖުމްލަ 1351 މީހަކަށް ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.

  • 8 މީހުންނަށް ވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތަކަށް 20 ގޯތި
  • 7 މީހުންގެ އެޕްލިކޭޝަންތަކަށް 31 ގޯތި
  • 6 މީހުންގެ އެޕްލިކޭޝަންތަކަށް 60 ގޯތި
  • 5 މީހުންގެ އެޕްލިކޭޝަންތަކަށް 100 ގޯތި
  • 4 މީހުންގެ އެޕްލިކޭޝަންތަކަށް 180 ގޯތި
  • 3 މީހުންގެ އެޕްލިކޭޝަންތަކަށް 370 ގޯތި
  • 2 މީހުންގެ އެޕްލިކޭޝަންތަކަށް 340 ގޯތި
  • އެކަކުގެ އެޕްލިކޭޝަންތަކަށް 250 ގޯތި

ހުޅުމާލޭގައި އާންމުން އުޅޭ ގެތައް 10 ބުރިއަށް އުސްކުރެވޭ ގޮތަށް އާބަންކޯއިން އުސޫލަށް ބަދަލު ގެނައީ މިދިޔަ 17 އޮގަސްޓްގަ އެވެ. އޭގެ ކުރިން ރެޒިޑެންޝަލް ޕްލޮޓުތަކުގައި އެންމެ އުސްކޮށް ވެސް އިމާރާާތް ކުރެވެނީ ޓެރަސް ހިމެނޭ ގޮތަށް ހަތް ފަންގިފިލާއަށެވެ.