ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވިގެން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު ޝްރީލަންކާގެ ފަސް މަސްބޯޓް މާލެ ގެނެސް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވޭ ޝްރީލަންކާގެ މި މަސްބޯޓްތައް އެމްއެންޑީއެފް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ރާއްޖޭގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 03" އިން ކުރި ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ.

މިގޮތުން މި މަސްބޯޓުތަކުގެ ތެެެެެރެއިން 4 ބޯޓް ފެނިފައިވަނީ މި ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ.ކާށިދޫގެ އިރުން ގާތްގަޑަކަށް 85 މޭލު ބޭރުންކަމަށާއި އަދި 5 ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެންބަރު 18 ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ.އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މީގެއިތުރުން މިހާރު މި ބޯޓްތައް ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ސެޕްޓެންބަރު 20 ވަނަ ދުވަހު މާލެ ގެނެސް ދޫނިދޫ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައެވެ.

އަދި ފުލުހުން ވަނީ މި ފުރުސަތުގައި ދިވެހި މަސްކަނޑުތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ގެންދާ މަސައްކަތްތަކުގައި މަސްވެރިން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.