ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ހަންގޒޫއަށް މިއަދު ވަޑައިގެންފިއެވެ.

ދާޚިލީ ހަނގުރާމައިގެ ސަބަބުން ފާއިތުވެދިޔަ ބާރަ ވަރަކަށް އަހަރު ގައުމުގައި ތާށިވެވަޑައިގެންފައި ހުންނެވި އަސަދު ޗައިނާއަށް ކުރައްވަވާ މިދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ޗައިނާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިޔަން ގޭމްސް ހުޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމެވެ. ސީރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނެފައި ވަނީ އަސަދުގެ މިދަތުރުފުޅުގައި ރައީސް އަސަދުގެ އަރިހުގައި މަތީ ފަންތީގެ ޑެލިގޭޝަނެއް ގެންދެވިފައި ކަމަށާއި މިދަތުފުޅުގެ ތެރެއިން ޗައިނާގެ ރައީސް ޝީ ޖިންގ ޕިންއާއެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

ސީރިޔާގައި 2011 ވަނަ އަހަރު ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ރައީސް އަސަދުގެ ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ ރަޝިޔާ އާއި އިރާނެވެ. ޗައިނާއަކީ ރަޝިޔާ އާއި އިރާނާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއްކަން ފާހަގަ ކޮށްލެވެއެވެ.

މިއީ 2004 ވަނަ އަހަރުގެ ފަހުން ޗައިނާއަށް އަސަދު ކުރައްވަވާ ފުރަތަމަ ދަތުރުފުޅެވެ. އޭރު ޗައިނާގެ ޒައާމަތުގައި ހުންނެވީ ހޫ ޖިންޓާއޯއެވެ.