ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ޢީދު ސަލާންކުރައްވައިފި

0

ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަޙުނިޔާ ވިދާޅުވެ ޢީދު ސަލާން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައި ޢީދު ސަލާން ކުރައްވައިފިއެވެ.

ދެބޭފުޅުން ވެސް ޢީދު ސަލާން ކުރައްވާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އިސްލާމީ މަރުކަޒުގައެވެ.

Advertisements

އިސްލާމީ މަރުކަޒުގައި މިއަދު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޢީދުގެ ތަޙުނިޔާ ވިދާޅުވެ ޢީދު ސަލާން ކުރެއްވިއެވެ.

އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ ބޭފުޅުންނާއި އިސްރަށްވެހިންވެސް ހިމެނެއެވެ.

މިއަދު މުޅި އިސްލާމީ އުއްމަތް ފާހަގަ ކުރަމުންދާ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އަޟުޙާ ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ދިވެހި ޙައްޖާޖީންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދުގެ ތަޙުނިޔާ ވިދާޅުވެ ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

Advertisements