ރ. ރަސްމާދޫ ރައްޔިތުން އެދޭ ތަރައްގީ ހާސިލް ކޮށްދެއްވުމުގައި ކުރަންޖެހޭ މަސައްކަތް ރައްޔިތުން އެދޭ ގޮތައް ކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ހުއްޓުމެއްނެތި ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގެ ކެމްޕޭންގައި މިއަދު ރަސްމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަސްމާދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ޑރ މުއިއްޒު ވިދާޅުވީ މިސަރުކާރުން ވަނީ ރަސްމާދޫގެ ތަރައްގީއަށްވެސް ވަރަށް ބޮޑަށް އިހުމާލު ވެފައި ކަމަށެވެ. އެގޮތުން ރަސްމާދޫގެ ސިއްހީ ކަންކަމާއި، ތައުލީމާއި، ޒުވާނުންނާއި ގުޅުންހުރި ކަންކަމަށްވެސް މިސަރުކާރުން އިހުމާލު ވެފައިވާކަމަށް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަންކަން ހާސިލު ކޮށްދޭނީ ރައްޔިތުން އެދޭ މިންވަރަށް ކަންކަން ހާސިލް ކޮށްދީގެންކަމަށް މުއިއްޒު ވިދާޅުވިއެވެ. ރަސްމާދޫގެ ތަރައްގީއަށް ބޭނުންވާ އެންމެހާ ކަންކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރ ރަސްމާދޫ އަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:

  • ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދިނުން
  • ސިއްހީ މަރުކަޒަށް ހެޔޮ ބަދަލުތަކެއް ގެނެސް ދިނުން
  • ޓާފް އަޅައިގެން ފުޓުބޯޅަ ދަނޑު ތަރައްގީ ކޮށްދިނުން
  • ރަސްމާދޫ ސްކޫލުގެ ޖާގަ އިތުރުކޮށް، ސްކޫލަށް ހެޔޮ ބަދަލު ގެނެސްދިނުން

ފުރަތަމަ ބުރުގައިވެސް ރަސްމާދޫ ރައްޔިތުން ދެއްވީ ޝުކުރުވެރިވާ ތާއީދެއްކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގައި މި ތާއީދު އިތުރަށް ދެގުނަ ކުރާނެ ކަމުގެ އުންމީދު ލިބިވަޑައިގެންފައިވާކަމަށެވެ.