ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔުންތައް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި އޮންލައިންކޮށް ލިޔުންތައް ފޮނުވަން ފަށައިފިއެވެ.

ޕީޖީ އޮފީހުން ދާދިފަހުން ތައާރަފްކުރި އޮންލައިން ގަވަރުމަންޓް ސާވިސް ޕްލެޓްފޯމުގެ ތެރެއިން، އެންމެ ފުރަތަމަ އޮންލައިންކޮށް ލިޔުންތައް ފޮނުވަން ފެށީ ޑްރަގް ކޯޓަށެވެ.

ޕީޖީ އޮފީހުން ބުނީ ޑްރަގް ކޯޓުން ވެސް އެ އޮފީހަށް ފޮނުވާ ހުރިހާ ލިޔުމެއް، މިހާރު ފޮނުވަމުން ގެންދަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އަދި މިގޮތަށް ލިޔުންތައް ފޮނުވުމަކީ ރައްކާތެރި، އިތުބާރު ހިފޭ ނިޒާމެއް ކަމަށާއި މިބަދަލާއެކު، ލިޔެކިޔުން ބަދަލުކުރުން ވަނީ ކުރިއަށްވުރެ މާބޮޑަށް އަވަސްވެ ހަރަދު ކުޑަވެފައި ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މީގެއިތުރުން މިހިދުމަތަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެކެއް ކަމަށާއި އެކަމަށް ބޭނުންވާ ލޮގިން މިހާރު ކޯޓުތަކަށް ފޮނުވާފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.