ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި، އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އިލްހާމް، އެމްޑީޕީއަށް ސޮއިކުރެއްވީ މިރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައެވެ. އެ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރައްވައި، އިލްހާމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފޯމު ހަވާލުކުރައްވައިފައެވެ. ސޮއި ކުރެއްވުމަށްފަހު އިލްހާމް ވަނީ ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން އިލްހާމް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާކަން މިއަދު އިއުލާންކުރައްވައިފައެވެ. ރައީސް ސާލިހާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ސާލިހަށް ތާއީދުކުރަން ނިންމެވީ ގައުމު މިއަދު މި އޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އާއި ބަދަލުހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދެއްވައިފި ނަމަ، އަނެއްކާވެސް އަނބުރާ އެ ދެވެނީ އަމާންކަމުގެ ތެރެއަށް ކަމަށާއި ކޯޓުތަކުން ފެނިގެންދާނީ "ހަރާމް ހުކުމް"ތަކެއް ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަމަށް ފުރުސަތު ނުދެއްވުމަށް އާދޭހާއެކު ދަންނަވާ ކަމަށް ވިދާޅުވިއެވެ.

އިލްހާމް، ރައީސް ސޯލިހަށް ތާއީދުކުރައްވައި އެމްޑީޕީއަށް ސޮއިކުރެއްވި އިރު، ޖުމްހޫރީ ޕާޓީގައި އިސް މެންބަރެއްގެ ގޮތުގައި އުޅުއްވާ ރިޔާޒް ރަޝީދުވެސް ތާއީދު ކުރައްވަން ނިންމާފައިވަނީ އެ މަނިކުފާނަށެވެ.

އިލްހާމް ސިޔާސީ ދާއިރާއަށް ނުކުންނެވީ 2009 ވަނަ އަހަރު ޑީއާރްޕީންނެވެ. އޭނާ ވަނީ ޑީއާރްޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި ގެމަނަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ޑީއާރްޕީގައި ފެކްޝަން އުފެދިގެން ދިޔައިރު، "ޒެޑް-ފެކްޝަން" ލީޑު ކުރެއްވުމުގައި އިލްހާމް އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ފަހުން ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، 2014 ވަނަ އަހަރު އިލްހާމް ވަނީ ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ވާދަ ކުރައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެ ޕާޓީގެ ޓިކެޓުގައި 2019 ވަނަ އަހަރު އުނގޫފާރު ދާއިރާއަށް ވާދަ ކުރެއްވުމުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިއެވެ. އެމްޑީޕީއަކީ އިލްހާމް ގުޅިވަޑައިގެންނެވި ހަތަރު ވަނަ ސިޔާސީ ޕާޓީއެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތުމުން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ވަނީ ނިންމަވައިފައެވެ.

އޭގެ ފަހުން ގާސިމް ވަނީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ ޕާޓީގެ މެމްބަރުން ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.