ވައިގެ މަގުން ދަރަވަންދޫ އަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ދަރަވަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ވައިގެ މަގުން ދަރަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮގަސްޓް 13 ވަނަ ދުވަހުގެ 10:30 އެހާކަންހާއިރު ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisements

ދަރަވަންދޫ އެއަރޕޯޓުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisements