އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އެމްޑީޕީން މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ އެކްސް.ކޮމްގައި އެމްޑީޕީން މިއަދު ކުރި ޓުވީޓެއްގައެވެ.

ޓުވީޓުގައި ބުނެފައިވާގޮތުގައި މިއަދު ހަވީރު، އެމްޑީޕީން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޮރުން ދޮރަށް ހިނގާނެ ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރި 4 އިން 6 އަކަށެވެ.

މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެމްޑީޕީއާ އަދާލަތު ޕާޓީއާ އެމްޑީއޭގެ އިސް ބޭފުޅުން މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިހާރު ރައީސް ސާލިހު ގެންދަވަނީ ކޮންމެ ދުވަހަކު ހަވީރު މާލެ ސިޓީގެ އެކި ސަރަހައްދުގައި ދޮރުން ދޮރަށް ހިންގަވަމުންނެވެ.

މިދިޔަ ހަފްތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައި ވަނީ މި ފެށޭ ހަފްތާގައި ކެމްޕޭން ކުރެއްވުމަށް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.