ހއ.ކެލާގެ އެއް އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ދެ ހިދުމަތްތެރިއަކު މިއަދު ނިޔާވެއްޖެއެވެ.

މިއަދު އެންމެ ފުރަތަމަ ނިޔާވެފައިވަނީ ކެލާގެ ކުޑަކަތީބުކަން ގިނަ އަހަރުތަކެއް ވާންދެން ކުރެއްވި، (ފަރިހިގެ/ހއ ކެލާ) 69 އަހަރުގެ އިބްރާހިމް އަފީފް އާދަމެވެ. އަފީފް އާދަމް ނިޔާވީ ފަތިހުގެ ވަގުތުގައެވެ. އޭގެ ފަހުން، ހެނދުނުގެ ވަގުތުގައި ގިނަ އަހަރުތަކެއް ވަންދެން ކެލާ ސްކޫލުގެ ހެޑްމާސްޓަރުކަން ކުރެއްވި (އިސްތާނާ/ހއ ކެލާ) 58 އަހަރުގެ އަހުމަދު ފައިސަލެވެ. ފައިސަލަކީ 36 އަހަރަށްވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާއަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކެލާ ކައުންސިލް ރައީސް އަބްދުﷲ އިންފާޒު ހަލިނޫހަށް ވިދާޅުވި ގޮތުގައި މި ދެބޭފުޅުންވެސް އުޅުއްވަނީ ހުޅުމާލޭގައެވެ. މީގެ ހައެއްކަ އަހަރު ކުރިން ރިޓަޔަރ ވުމަށްފަހު އަފީފާއި ފައިސަލްވެސް ދިރިއުޅުއްވަމުން ގެންދެވީ މާލޭގައެވެ. އަދި މި ދެބޭފުޅުންވެސް ނިޔާވެފައިވަނީ ޑެންގޫ ހުން ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ދެ ބޭފުޅުންގެ ތެރެއިން އަފީފުގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައި ކޮށްފައިވާއިރު، ފައިސަލްގެ ކަށުނަމާދު ބޭއްވުނީ މިރޭގެ އިޝާ ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކެލާގެ ތާރީހުގައި މިއަދަކީ ހިތާމަވެރި ދުވަހެކެވެ.