ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ނިޔާވެފައިވަނީ ރެހެންދި ސްކޫލުގެ ގްރޭޑް ފަހެއްގައި ކިޔަވަމުންދާ ގއ. ދާންދޫ/ މަސްތަކާގެ، 10 އަހަރުގެ އާމިނަތު އަލީ އާދަމްއެވެ.

އާމިނަތަކީ އޯވަރީ ކެންސަރު ޖެހިގެން އެންމެ ފަހު މަރުހަލާގައި ފަރުވާދެމުންދިޔަ ކުއްޖެކެވެ. މި ކެންސަރަކީ ކުޑަކުދިންގެ މެދުގައި އެހާ އާންމު ވައްތަރެއްގެ ކެންސަރެއް ނޫން ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އާމިގެ އެތައް ސާޖަރީއަކާއި ފަރުވާތައް ދިން ނަމަވެސް، ޓިއުމަރު ކޮންޓްރޯލް ނުވެ، އިންޑިއާއިން އުއްމީދު ކަނޑާލީއެވެ. އާއިލާގައި އެންމެ ހަގަށް އިން އާމިއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގެ ޕައިލޭޓީވް ކެއާގައެވެ.

އައިމިނަތުގެ ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންގޮސްފައި މިވަނީ މިރޭގެ 10:30 ގައި ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކެންސަރު ބަލީގައި މިއަދު 10 އަހަރުގެ ކުއްޖަކު ނިޔާވި އިރު، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ކެންސަރުގައި 15 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް 15 އަހަރުގެ ކުއްޖަކު ވަނީ ކެންސަރު ބަލީގައި މަރުވެފައެވެ.