މާލެއިން ލިބިފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ދޫކޮށްލާ ނަމަ، 'ގެދޮރުވެރިޔާ' ސްކީމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުން ހިލޭ ފްލެޓު ލިބޭ ގޮތް ހަދައިފި އެވެ.

'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވާލާފައެވެ. އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 03:00 އާ ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައި، ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވާ ގޮތުން، 'ގެދޮރުވެރިޔާ'ގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފްލެޓު ލިބޭ ފަރާތުން މާލެ ސަރަހައްދުގައި އެ މީހާގެ އެކަނި ނަމުގައި އޮންނަ:

  • 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދޫކޮށްލާ ނަމަ، ފްލެޓުގެ އަގު ހިލޭކޮށްދޭނެ
  • 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ދޫކޮށްލާ ނަމަ، އެ ބިމުގެ އަގު ފްލެޓުގެ އަގުން އުނިކުރާނެ؛ އެ ބިމުގެ އަގު ކުރާނީ އަކަފޫޓަކަށް 3،500ރ.ގެ ރޭޓުން

'ގެދޮރުވެރިޔާ' ސްކީމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުތައް:

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
  • މާލޭގައި ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވުން ނުވަތަ
  • މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި އެޕްލިކެންޓް)
  • އެޕްލިކަންޓާއި ކޯ-އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން
  • އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލޭން (ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން) 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން (އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް)
  • މި އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، މާލޭގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓުގެ ތަނެއް ނުވަތަ އެއަށް ވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން (އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް)
  • މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60،000ރ.އަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން (މައި އެޕްލިކަންޓާއި ކޯ އެޕްލިކަންޓް ވަކިން)

'ބިންވެރިޔާ' ސްކީމުގެ ދެ ވަނަ ފިޔަވަހި

  • ގޯތި ދުކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅު (އުތުރު ތިލަފަޅު)؛ ފްލެޓު ދޫކުރަނީ މާލެ ސަރަހައްދުން
  • އުތުރު ތިލަފަޅުން 1،250 އަކަފޫޓުގެ 5،098 ގޯތި ކެނޑޭނެ ކަމަށް (ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެފައިވެއެވެ.)
  • 'ބިންވެރިޔާ' ސްކީމުގެ ފުރަތަމަ ބުރުގައި ޝަރުތު ހަމަވިި ނަމަވެސް، ގޯތި ނުލިބޭ 778 މީހުންނަށް މި ބުރުގައި ގޯތި ދޭނެ