ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ އާއި ހުމާ ގުރޭޝީ އަނެއްކާވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މިފަހަރު ސޮނާކްޝީ އާއި ހުމާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ. ޑަބްލް އެކްސްގައި އެކުގައި މަސައްކަތްކޮށްފައިވާ ދެތަރިން ޗުއްޓީއަށް ރާއްޖެ އައީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

އަބަދުވެސް ރާއްޖެއަށް އަންނަ ހިތްވާ ސޮނާކްޝީއަކީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އިންޑިއާއަށް ގޮސްވެސް ރާއްޖެމަތިން ހަނދާން ނުނެތޭ ވާހަކައާއި އަމިއްލަވަންތަ އިހުސާސެއް ރާއްޖެއާއި ދިވެހިންނާމެދު ކުރެވޭކަމަށް ބުނާ ފަންނާނެކެވެ.

ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ރާއްޖޭގެ ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯޓައް ސޮނާކްޝީ ދަނީ ހިއްސާ ކުރަމުންނެވެ. މިފޮޓޯތަކަށް ގިނަ ބައެއް ޝައުގުވެރިކަމާއި ލައިކްސް ދަނީ ލިބެމުންނެވެ.

ސޮނާކްޝީ ރާއްޖެއާމެދު ޝައުގުވެރިކަން ހުންނަވަރުން އޭނާގެ މުނިމުނިމާމައަކީ ދިވެއްސެއްކަމަށްވެސް އަޑު ފެތުރިގެން ދިޔައެވެ. ނަމަވެސް ސޮނާކްޝީ ނުވަތަ ސަތަރޭވެސް މިއަކަށް ރައްދެއްނުދެއެވެ.