މިއަންނަ މަހުގެ އެއްވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައެވެ.

އޮކްޓޯބަރު އެކެއް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ސެޕްޓެންބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީއެވެ.

ރައީސް އެދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަތުމާ ގުޅިގެން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.