މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު ކިނާނަތު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ ޑރ. ކިނާނަތު އެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ޑރ. ކިނާނަތު އެމްއައިޓީޑީސީ ގެ ޗެއާމަނަކަށް ހުންނެވީ ޖުމްހޫރީޕާޓީގެ ސްލޮޓެއްގައެވެ. އޭނާ މަގާމުން އިސްތިއުފާ މިދެއްވީ ރިޔާސީ އިންތިޚާބުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެންޑޯޒް ކުރެއްވިތާ މާގިނަ ދުވަހެއް ނުވަނީސްއެވެ. އޭނާ އިސްތިއުފާ ދެއްވީ ރައީސް އޮފީހުން އަންގަވައިގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޑރ. ކިނާނަތަކީ މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ވަރަށްގިނަ ހިދުމަތްތަކެއް ރާއްޖެއަށް ކޮށްދެއްވައިވާ، މިހާރު ވެސް އެ ހިދުމަތުގައި ދެމި ހުންނެވި ފަންނުވެރި ބޭޅުފެކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައިވެސް ކިނާނަތު ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެއިތުރުން އެނާ ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޑީންގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި ހައްޖުކޯަޕަރޭޝަންގެ ޗެއާމަންކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

ޑރ. ކިނާނަތަކީ މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކޮމްޕިޔުޓަރ ސޮފްޓުވެއަރ އާއި ސޮފްޓުވެއަރ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް 2021 ވަނަ އަހަރު ހާސިލް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.